ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް އަލީ މޫސާގެ ކެމްޕެއިން ޙަރަކާތުގައި ބައިވެރިވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ހޯރަފުށި އުލިގަމު ތުރާކުނުގެ ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންނަވަނީ މުޅި ރާއްޖޭގެ ތަރައްގީއަށްޓަކައި އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުގައި ބައިވެރިވެ ދާއިރާގެ ތަރައްގީ ހާސިްލކުރުމުގައި ސަރުކާރާއެކީގައި ކުރިއަށް ދިއުމަށްކަމަށެވެ.
“ތަރައްގީގެ މަގުގައި މިކުރާ މަސައްކަތުގައި އެންމެ ދުވަހެއްވެސް ބޭކާރުވެގެންދާކަށް އަޅުގަނޑު ބޭނުމެއްނޫން” ރައީސް ވިދާޅުވިއެވެ.
“ކޮންމެ ދުވަހަކީ ރައްޔިތުންނަށް އަޅުގަނޑުމެން ކަންކަން ކޮށްދޭ ނަތީޖާ ނެރެދެވޭ ދުވަހަކަށް ވާން ބޭނުން، މިކަން ކުރެވޭނީ މިކަމުގައި އެއްބާރުލުން ދޭނެ މެންބަރުންތަކެއް ރައްޔިތުން މަޖިލީހުގައި ތިއްބަވައިގެން” ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ މި ގައުމުގައި ތަރައްގީއަށް ކުރަން ހުރި ކަންކަމަށް ހުރަސް އަޅާ މެންބަރުންތަކެއް ރައްޔިތުންގެ މަޖިލީހުގައި ތިބެ އެމީހުންގެ އަމިއްލަ ވިސްނުން ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ހުރި ކަންކަމުގެ މައްޗަށް އިސްކުރާނަމަ އެތަރައްގީ ހާސިލް ނުވާނެކަމަށެވެ.