ރާއްޖެއަށް އެތެރެވާ ބޭހުގެ ކޮލިޓީ ރަނގަޅު ކުރުމުގެ މަސައްކަތް ފެށުމަކީ، މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގައި ކުރަން ނިންމާފައި އޮތް މަސައްކަތެކެވެ. އެގޮތުން، އެ މައްސަލަ ހައްލު ކުރުމަށް މިނިސްޓްރީން ވަނީ ދިރާސާއެއް ހަދާފަ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މިނިސްޓަރު ހަލީލް ދެއްވި ހިތާބުގައި ވިދާޅުވީ، ސިއްހީ ފަރުވާގެ އެންމެ މުހިންމު އެއްބަޔަކީ ބޭސް ކަމުގައިވާއިރު، ރާއްޖޭގައި ދެވޭ ބޭހަކީ ސައްހަ އަދި ފެންވަރު ރަނގަޅު ބޭސްކަމުގައި ކަށަވަރު ކުރުވޭނެ ނިޒާމެއް މިހާރު މިވަނީ ގާއިމްކުރެވިފައިވާ ކަމަށެވެ.
އަދި ރައްޔިތުންނަށް ބޭނުންވާނޭ ބޭސް މެދުކެނޑުމެއްނެތި ގާތުން ލިބެން ހުންނާނެ އިތުބާރުހުރި ނިޒާމެއް ވެސް ވަނީ ގާއިމްކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅައި ބަލާއިރު ރާއްޖޭގައި ބޭހުގެ އަގުތައް 70 އިންސައްތަ އިތުރެވެ. ބޭހުގެ އަގުބޮޑުވެ، ކުރީ ސަރުކާރުން ވަނީ ބައެއް ބޭސްތަކުގެ އަގު ކޮންޓްރޯލުކޮށްފަ އެވެ. ކޮލިޓީ ދަށް ބޭސް ވިއްކާ މައްސަލަ ބޮޑަށް ފެންމަތިވީ އެއާއެކު އެވެ.
ސޯޝަލް އެންޑް ފެމިލީ ޑިވޮލަޕްމަންޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އަހަރެއްގެ މައްޗަށް އާސަންދައަށް ކުރާ ހަރަދު ބޮޑުތަނުން އިތުރުވަނީ ވެސް ބޭހުގެ އަގުބޮޑުކަމުންނެވެ. އާސަންދަ ސްކީމަށް މިދިޔަ އަހަރު ދެ ބިލިއަން ރުފިޔާ ހިނގިއިރު، އޭގެ ތެރެއިން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވަނީ ބޭހަށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.