ރައްޔިތުންގެ ސުވާލުތަކަށް ސީދާ ރައީސް ޖަވާބުދެއްވާ “ރައީސްގެ ޖަވާބު” ޕްރޮގުރާމުގައި ވ.ރަކީދޫ، ގުލްޒާރުހިޔާ، މޫނިސާ ދާއޫދުވަނީ ރަށްތަކުގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދޭތެރެއަކުން ކުރިމަތިވާކަން ފާހަގަވެފައިވާތީ، އެ މައްސަލަ ހައްލުކުރެއްވުމަށް ރައީސް ގެންގުޅުއްވާ ވިސްނުންފުޅަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.
މޫނިސާގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަތޮޅު ތެރޭގައި ކަރަންޓާއި ފެނުގެ ޚިދުމަތްދޭ ދައުލަތުގެ ކުންފުނި ފެނަކަ އެތައް ސަތޭކަ މިލިއަން ރުފިޔާއަކުން ދަރަނިވެރިވުމުގެ އިތުރަށް އަތޮޅު ތެރޭގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ޤާއިމުކޮށްފައި ހުރި އާލާތްތައް ވަރަށް ބޮޑަށް ހަލާކުވެފައި ހުރި ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ފެނަކައިން ޚިދުމަތް ފޯރުކޮށްދޭން ބޭނުންކުރާ ޖަނަރޭޓަރުތަކާއި އިތުރު އާލާތްތައް އެހައި ބޮޑަށް ހަލާކުވީ ކުރީގައި އެތަކެތި މަރާމާތުކޮށް ބެލެހެއްޓިފައި ނެތުމުންނެވެ.
“އަޅުގަނޑުމެންނާ ވެރިކަން ހަވާލުވިއިރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފެނަކައިގެ ބުރާންޗުތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް. ހަމައެކަނި ކުންފުނި އެކި ފަރާތްތަކަށް އެތައް މިލިއަން ރުފިޔާއަކުން، އެތައް ސަތޭކަ މިލިއަން ރުފިޔާއަކުން ދަރާފައި އޮތީކީ އެކަންޏެއް ނޫން. ޖެންސެޓުތަކާއި އެކިކަހަލަ އާލާތްތައް ހުރީ އެއްގޮތަކަށްވެސް މެއިންޓެއިން ނުކޮށް. އެއްގޮތަކަށްވެސް ނުބަލަހައްޓައި ކަންފަަތިވެފައި،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަރާމާތުނުކޮށް ނުބެލެހެއްޓުމުގެ ސަބަބުން އެކި ރަށްރަށުގައި ހުރި ގިނަ އަދަދެއްގެ ޖެންސެޓުތަކާއި އިތުރު އާލާތްތައް ހުރީ ބަދަލުކުރަންޖެހިފައި ކަމަށެވެ. އަދި މިހާރު ސަރުކާރުން ބަދަލުކުރަންޖެހޭ ޖެންސެޓުތަކާއި އާލާތްތައް ބަދަލުކުރުމުގެ އިތުރަށް، އައު ޖެންސެޓުތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.