ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރި ވީޑިއޯއެއް ރޭ މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ.
ފުލުހުން ވިދާޅުވީ މީޑިއާގައި ދައުރުވަމުންދާ، ކުޑަ ކުއްޖަކަށް ބިރުދައްކައި އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަ ކުއްޖާއަށް އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ 14 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖަކު ފުލުހުންގެ މަސައްކަތުން ވަނީ ދެނެގަނެވިފައި ކަމަށެވެ.
“މިމައްސަލާގައި ޤާނޫނީ ގޮތުން ދެންކުރަން ޖެހޭކަންކަން ފުލުހުންދަނީ ކުރަމުން.” އިހްސާން ވިދާޅުވިއެވެ.
އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ރޭ ބުނެފައިވެއެވެ.
ރޭ ދައުރުކުރި ވީޑިއޯއިން ފެންނަނީ އަނިޔާ ލިބުނު ކުއްޖާ ރޮއިރޮއި ހުއްޓާ އެހެން ކުދިންތަކެއް އަތުންނާއި ފައިން އެ ކުއްޖާ ގައިގައި ވަރަށް އަނިޔާވެރިކޮށް ތަޅާ މަންޒަރެވެ. ފުލުހުން ވަނީ އެ ވީޑިއޯ އިތުރަށް ދައުރު ނުކުރުމަށް އެދިފައެވެ.