ރައީސް މިހެން ވިދާޅުވީހުޅުމާލެ ލޮޓް ނަންބަރު 10471، ހުސައިން ރަޝީދު، ވާދަވެރި ފަރާތްތަކުން އެކި ތުހުމަތުތައް ކޮށް ފަތުރާ ބައެއް ވާހަކަތަކުގެ ހަގީގަތް އޮޅުންފިލުވުމަށް ދެންނެވި ސުވާލުގެ ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ އިދިކޮޅުން ދޮގު ހަދަނީ މި ސަރުކާރުން ކުރިއަށް ގެންދާ ކަންކަމަށް އެ ފަރާތްތަކުގެ އަތުގައި ދޭނެ ޖަވާބެއް ނެތުމުން ކަމަށެވެ. އެ ސަބަބާހުރެ އިދިކޮޅު ފަރާތްތަކުން އަމިއްލައަށް އިތުރުފުޅު ހައްދަވައި ވާހަކަ އުފަންކުރާ ކަމަށެވެ.
“އަޅުގަނޑު ކެމްޕެއިން ތެރޭގައި ދެއްކި ހުރިހާ ވާހަކަތަކެއް އެ ހުރީ ލިޔެފަ ފޮތެއް ގޮތުގަ. އޭގެން އަޅުގަނޑަށް ކޯއްޗެއްތޯ އޮޅުވާލެވޭނީ. ވަކި ރަށެއްގައި ނުވަތަ މުޅި ރާއްޖެއަށް ވެސް ޝާމިލްވާ ކަމެއްގައި ދެއްކި ވާހަކައެއް މި އޮތީ ފެންނަން. އެހެންވީމަ އެ އޮތީ އަޅުގަނޑު ދެއްކި ވާހަކައިގެ ކިތާބީ ހެކި ފެންނަން. މިހާރު ވެސް އަޅުގަނޑު ދައްކާ ވާހަކައެއް ލިޔެ ފޮތަކަށް ތައްޔާރުކުރަމުން ދަނީ. ހުރިހާ ފޯރަމްތަކާއި ހުރިހާ ޕްރެސް ކޮންފަރެންސްތަކެއްގައި ދެއްކި ވާހަކަތައް ވެސް މީޑިއާތަަކަށް ދީފައިވާ ޖަވާބުތައް ވެސް އެ ހުރީ ފެންނަން. އެއްވެސް ކަމެއް ނުފޮރުވަން.” ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ދައްކަވާ ވާހަކައެއް ވިއްޔާ ދައްކަނީ އިހްލާސްތެރިކަމާއެކު ހިތުގެ އަޑިން ކަމަށާއި މާތް الله ދެކެވޮޑިގެންވާނެކަން ހަނދާނުގައި ބަހަށްޓައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެ ވާހަކަތައް ދައްކަނީ އެމަނިކުފާނުގެ ލަޔާލަތާއި ގާބިލިއްޔަތުކަން ތަންދިން އެންމެ ފުރިހަމައަކަށް ސަރުކާރުން އެކަން ކުރުމަށްޓަކައި ކަމަށެވެ.
އެގޮތަށް ކުރިއަށްދާއިރު އިދިކޮޅު ފަރާތްތަކުން ވާހަކަތައް އޮޅުވާލަމުންދާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކޭސް ބައި ކޭސް ކޮންމެ ކަމެއް ބައްލަވާލެއްވި ނަމަވެސް ކަންކަން އޮތީ އިދިކޮޅުން ބުނާ ގޮތަށް ނޫން ކަމަށް ފެންނާނެ ކަމަށެވެ.
” ކޮންމެ މައުލޫއެއް ނަންގަވައިގެން ބެއްލެވިއަސް އެ ބޭފުޅުން އެއަށް އަމިއްލަ ނެރޭޝަނެއް ގެންނަނީ. އަމިއްލަ ވާހަކަތަކެއް ގެންނަނީ ނުވަތަ މުޅިން އާ ވާހަކައެއް އުފަން ކުރަނީ. އުފަންކޮށްފަ އަޅުގަނޑު ދެއްކި ވާހަކައެއް ބަދަލުކުރި ކަމަށް ދޭހަކޮށްދިނުމަށް މަސައްކަތް ކުރަނީ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަކީ ކަމެއް އޮޅުވާލާ ދޮގު ހަދައިގެން ރައްޔިތުންނަށް ދެރަދޭނެ މީހެއް ނޫން ކަމަށެވެ. ރައްޔިތުންނަށް އިލްހާސްތެރިކަމާއި ތެދުވެރިކަމާއެކު އަމާނާތްތެރިކަމާއެކު މަސައްކަތް ކުރައްވަމުންދާކަމަށެވެ. ތަނަކުން ވާހަކައެއް އިވުނަސް އެކަމުގެ ތެދުދޮގު ބެލުމަކީ އެމަނިކުފާނު އެދިލައްވާ ގޮތްކަމަށް ރައީސް ވިދާޅުވިއެވެ.