ކޮންމެ ހަފުތާއަކު ފިނޭންސް މިނިސްޓްރީން އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހާ ހަމައަށް ކެޕިޓަލް ހަރަދަށް 3.64 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މި އަހަރު އެ އަދަދު ވަނީ 2.06 ބިލިއަން ރުފިޔާ އަށް ވެއްޓިފައި އެވެ.
މި މުއްދަތުގައި ކެޕިޓަލް ހަރަދުގެ ތެރޭގައި ހިމެނޭ ޕީއެސްއައިޕީ އަށް ކުރި ހޭދަ ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު، ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިދިޔަ އަހަރު ޕީއެސްއައިޕީ އަށް 2.88 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައިވަނީ 1.13 ބިލިއަން ރުފިޔާ އެވެ.
މިކަމަށް ރައްދު ދެއްވައި ރޭ ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޕީއެސްއައިޕީއަށް ކުރި މި ހޭދައިގެ ފަރަގަކީ ވެސް ކުރީ ސަރުކާރުގެ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ.
އެ މުއްދަތުގައި މިދިޔަ ސަރުކާރުން ޕީއެސްއައިޕީގެ މަޝްރޫއުތައް ހިންގާފައިވަނީ ދެ ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން ކަމަށާއި ހަގީގަތުގައި ހިންގިފައިވަނީ 900 ވަރަކަށް މިލިއަން ރުފިޔާގެ މަޝްރޫއު ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން އިތުރު ލޯނެއް ނުނަގައި، ފައިސާ ޗާޕުނުކޮށް، މަޝްރޫއުތައް ހުއްޓައިނުލައި ކުރިއަށް ގެންދަމުން އެ ފަންޑަށް މިހާރު ވެސް 35 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.
“އަޅުގަނޑުމެން ލޯނު ނުނަގައި، އޯވާޑްރާފްޓު ނުނަގައި 1.1 ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއު އެހެރީ ހިންގާފައި،” ރައީސް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުތަކުން ފަށާފައިވާ މަޝްރޫއުތަކާ އެކު 500 އަށް ވުރެ ގިނަ މަޝްރޫއު ހުއްޓައިނުލައި މި ސަރުކާރުން ހިންގަމުންދަނީ، އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.
“މި ރޭޓުގަ ގޮސް މި އަހަރު ނިމޭއިރު، ދިވެހި ރައްޔިތުންގެ ނަމުގައި ނަގާފައިހުރި ލޯނުތައް ދެއްކުމަށް އެ އެކައުންޓުގައި 100 މިލިއަން ޑޮލަރު ހަމަވާނެ އިރާދަކުރެއްވިއްޔާ، ފައިސާ ޗާޕުނުކޮށް ލިބޭ އާމްދަނީއަކުން އަޅުގަނޑުމެން މި ގައުމު ހިންގާނީ” އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ ބޭރުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ފައިސާ ޖަމާކުރަން އުފައްދާފައިވާ ސަވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)ގައި މި ސަރުކާރުން ހަވާލުވިއިރު، ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށެވެ.