ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިވިގެން ދަނީ ފާއިތުވި މަސްތަކުގައި މި ސަރުކާރުން ކަމެއް ނުކުރާ ކަމަށް އިދިކޮޅު މީހުން ދައްކާ ވާހަކަތައް ކަމަށެވެ. އަދި ކުރީ ސަރުކާރުން ހިންގި މަޝްރޫއުތައް މި ސަރުކާރު އައިސް ހުއްޓާލި ކަމަށް ބުނާ ވާހަކަތައް ކަމަށެވެ.
ނަމަވެސް ރައީސް ވިދާޅުވީ އެ ވާހަކަތަަކަކީ ދޮގެއް ކަމަށެވެ. އަދި އެ ވާހަކަތަކަށް ޖަވާބު ދެއްވާނީ “އަދަދުން” ކަމަށް ރައީސް ވިދާޅުވިއެވެ،
ރައީސް ވިދާޅުވީ މި ސަރުކާރުން އެއްވެސް މަޝްރޫއެއް ނުހުއްޓާ ކަމަށާއި މަޝްރޫއުތައް ހުއްޓުނީ ކުރީ ސަރުކާރުން ކުންފުނިތަކަށް ފައިސާ ނުދައްކާ ހުރުމުން ކަމަށެވެ.
ކުރީ ސަރުކާރު ނިމިގެން ދިޔައިރު ކުންފުނިތަކަށް 9000 މިލިއަން ރުފިޔާގެ ފައިސާ ދޭން ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ޖަލްސާގައި ކުރީ ސަރުކާރުން، ކުންފުނިތަކަށް ފައިސާ ނުދީގެން ހުއްޓިފައި ހުރި ބައެއް މަޝްރޫއުތަކުގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ.
އެގޮތުން ރައީސް ހިއްސާކުރެއްވި ތަފްސީލުތަކަކީ:
ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ 27 ހުއްޓިފައި ހުރި ކަމަށާއި ނަމަވެސް މި ސަރުކާރުން އެ މަޝްރޫއުތަކާއެކު ޖުމްލަ 74 ފެނާއި ނަރުދަމާގެ މަޝްރޫއުތައް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި
ބަނދަރު ހެދުމާއި ބިން ހިއްކުމާއި ބަނދަރު ތޮށި ލުމުގެ 30 މަޝްރޫއު ހުއްޓިފައި ހުރި ނަަމަވެސް މި ސަރުކާރުން ބަނދަރު ހެދުމާއި ބިން ހިއްކުމާއި ބަނދަރު ތޮށި ލުމުގެ 90 މަޝްރޫއު ވަނީ ފަށާފައި
އެއަރޕޯޓް ހެދުމުގެ މަޝްރޫއު 7 ރަށުގައި ހުއްޓިފައި އޮތް ނަމަވެސް އެ 7 މަޝްރޫއު މިހާރު ކުރިއަށް އެބަދޭ
މަގު ހެދުމުގެ މަޝްރޫއު 17 ހުއްޓިފައި ހުރި ނަމަވެސް މި މަޝްރޫއުތައް ފަށާ 26 ރަށުގައި މަގު ހެދުމުގެ މަޝްރޫއު މިހާރު ކުރިއަށް އެބަދޭ
ދަނޑުތަކާއި ކޯޓުތައް ހެދުމުގެ 87 މަޝްރޫއު ހުއްޓިފައި ހުރި ނަމަވެސް 71 މަޝްރޫއު ފަށާ ބައެއް މަޝްރޫއުތައް ވަނީ މިހާރު ނިމިފައި
މިސްކިތްތަކުގެ 20 މަޝްރޫއު ހުއްޓިފައި ހުރި ނަމަވެސް 42 މިސްކިތުގެ މަޝްރޫއު އެބަ ހިނގާ
ތައުލީމީ ދާއިރާގެ 90 މަޝްރޫއު ހުއްޓިފައި ހުރި ނަމަވެސް 217 މަޝްރޫއު ސަރުކާރުން މިހާރު އެބަ ހިންގާ
ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިސް އަލަށް ގެދޮރުވެރިކަމުގެ ދާއިރާ 11 ރަށެއްގައި މަޝްރޫއު ފަށާފައިވާ ކަމަށެވެ. އަދި ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އާއި އެނޫންވެސް ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫއުތައް މި ސަރުކާރުން ކުރިއަށް ގެންދަނީ ފައިސާ ޗާޕު ނުކޮށް ކަމަށާއި ކުރިއަށް ގެންދާނީ ވެސް އެގޮތަށް ކަމަށެވެ. އެބޭފުޅުންނަށް ހަޖަމް ނުވަންޏާ ނުވާންވީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.