ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަދައިން ވިދާޅުވީ މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މައްޗަން ގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދުގެ ކެމްޕޭނު ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ 21 އޭޕްރިލްގައި އޮންނަ އިންތިހާބަކީ މާލޭގެ ތަރައްގީއަށްވެސް އަދި ޖުމުލަކޮށް މުޅި ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިއްމު އިންތިހާބެއްކަމަށާއި މިހާރު އެމްޑީޕީއަށް މެޖޯރިޓީ އޮތް މަޖިލީހުން އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރު ނިމިގެން ދިޔަ އިރު މާލޭގެ ތަރައްގީއަށްޓަކައި ކޮށްދެވުނު ކަމެއް ނެތްކަމަށެވެ.
އެހެންވެ ރައްޔިތުން ނިންމީ އެ ސަރުކާރު ބަދަލުކުރަން ކަމަށާއި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން އެކަން ނިންމާފައިވާކަމަށެވެ.
“އަޅުގަނޑު ދެއްކި ވާހަކައަށް ރައްޔިތުން އިތުބާރު ކުރެއްވި، އެއީ މިހާރު އޮތް މަޖިލީހުގެ މެޖޯރިޓީ އޮވެ އަދި ސަރުކާރު އޮވެ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވީމާ މާލޭގެ ރައްޔިތުންނަށް އެންމެ މުހިއްމު މައްސަލާގައި އުޅުނީ، އެއީ އެބޭފުޅުން 2018 ވަނަ އަހަރުގެ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ދެއްކެވި ވާހަކަ، ގެދޮރުގެ ވާހަކަ ބޯހިޔާ ވަހިކަމުގެ ވާހަކަ، އޭރުގައިވެސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދޭނަމޭ ފްލެޓު ދޭނަމޭ، އެ ވައުދު ވެގެން މާލެ ރައްޔިތުން ބޮޑު ތަނުން އެމްޑީޕީއަށް ވޯޓު ދީގެން އެމްޑީޕީ ސަރުކާރު ހޮވީ، ހޮވައިގެން ވީ ގޮތް ހަނދާނަށް ގެންނަން ޖެހޭ، އެއްކަމެއްވެސް ނުވެ ދިޔައީ، ދެން ރައްޔިތުންގެ މަޖިލިސް އިންތިހާބު އައީ، އެ އިންތިހާބުގައިވެސް އެމްޑީޕީއަށް މެޖޯރިޓީ ދިނީ، ދިނީމާވެސް އެކަން ނުވެގެން އެތައް ދުވަހެއް ދިޔައީ. މަޖިލީހުގެވެސް ސުޕަ މެޖޯރިޓީ ދީ ސަރުކާރު ދިނީމާވެސް މާލޭގެ ރައްޔިތުންނަށް އެންމެ މުހިއްމު ކަންތަކުގައި ހަމަ އިސްކަން ނުދީ އެތައް ދުވަސްތަކެއް އެތައް މަސްތަކެއް އަހަރުތަކެއް ވޭތުވަމުން ދިޔައީ” ރައިސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކައުންސިލް އިންތިހާބުގައި މާލޭ ރައްޔިތުން އެ މަނިކުފާނު މާލޭ މޭޔަރަކަށް ހޮވީ ކުރީ ސަރުކާރަށް އެމްޑީޕީގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ މެސެޖު ދޭން ކަމަށެވެ.