ރައީސްގެ ޖަވާބު ސިލްސިލާގައި މ.މެޑަލްމާގޭ، އިސްމާޢީލް ނިޔާޒް, ރިޔާސީ އިންތިޚާބުގައި ވެވަޑައިގަތް ވަޢުދުތަކުގެ ތެރެއިން 5 އަހަރުގެ ދައުރުގައި ކިހާ ވަޢުދެއް ފުއްދޭނެތޯ ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވަޢުދުވެލެއްވީ ފުއްދޭނެކަން ޔަގީންވެ، ފުއްދޭނެ ގޮތް އެނގިވަޑައިގަންނަވާތީ ކަމަށެވެ.
ވީ ހުރިހާ ވައުދެއް މި ދައުރުގައި ފުއްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށާއި ވައުދުތައް ފުއްދުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ކަމުގައި ރައީސް ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގައި މިހާރު އޮތް ގާނޫނު އަސާސީގެ ތެރެއިން މަޖިލީހުގެ އެއްބާރުލުން ނުލިބި ސަރުކާރުން ރައްޔިތުންނަށް ކޮށްދެވޭނެ ކަންތައްތައް ވަރަށް މަދުކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާއަށް އެކަށައެޅުއްވި ހުރިހާ ވަޢުދެއް ފުއްދަވާ ނިމްމަމުން ދާތަން ރައްޔިތުންނަށް ފެންނަމުންދާކަމަށާއި މިހާރު ހުރީ މަޖިލީސް ތެރެއިން ނިންމެން ހުރި ކަންކަން ކަމަށެވެ.