ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން އެއްވެސް ޕްލޭނެއް ނެތި ކޮންމެ އިންތިހާބަކާ ދިމާކޮށް މަޝްރޫއުތައް އިއުލާން ކުރަމުން ގެންދިޔަ ކަމަށާއި އެ ސަރުކާރުން މަޝްރޫއުތައް ހިންގާފައި ވަނީ ނަމެއްގައި ކަމަށެވެ.
“މިދިޔަ ސަރުކާރުގައި މަޝްރޫއުތައް ހިންގާފައިވަނީ ހަމަ ނަމެއްގައި، އެ ބޭފުޅުން ރިޔާސީ އިންތިހާބާ ދިމާކޮށްވެސް އަދި އެހެން އިންތިހާބުތަކާ ދިމާކޮށްވެސް ރަށްރަށަށް އަރައި ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ގެންދިޔައީ ނުވަތަ މަޝްރޫއުތައް އިއުލާން ކުރައްވަމުން ގެންދެވީ ހަމަ އެއްވެސް ކަހަލަ ޕްލޭނެއް ނެތި. މަޝްރޫއުތައް ހިންގާފައިވަނީ ނަމެއްގައި.” ހީނާ ވިދާޅުވިއެވެ.
އޭގެ މިސާލެއްގެ ގޮތުން ހީނާ ނެންގެވީ މަޝްރޫއުތަކުގައި ބޭނުން ކުރަމުން ގެންދިޔަ މެޝިނަރީޒް އަށްވެސް ކުރީ ސަރުކާރުން ފައިސާ ނުދައްކާ ކަމެވެ. މެޝިނަރީޒްތަކުން ތެޔޮ ހުސްވެ މަޝްރޫއު ހުއްޓުމަކަށް އަންނަ ހިސާބުން އަނެއްކާވެސް ކްރެޑިޓަށް ލާރި ނަގައިގެން ނަމެއްގައި އެމަސައްކަތްތައް ކުރަމުންދިޔަކަން ހީނާ ފާހަގަ ކުރެއްވިއެވެ. އަދި ހަމައެހެންމެ ކުރީ ސަރުކާރުން ވިޔަފާރިތަކުން ވެސް ކްރެޑިޓް ނަގާފައިވާ ކަމަށްވެސް ހީނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.
“ފައިސާ ޗާޕްކޮށްގެން ކެޕިޓަލް އިންޖެކްޓްކުރި، އަދި ހަމައެހެންމެ ވިޔަފާރިތަކުންވެސް ކްރެޑިޓަށް ނެގި. އެ ފައިސާތައްވެސް ނުދައްކާ.” ހީނާ ވިދާޅުވިއެވެ.
މީގެއިތުރުން އަމީނީމަގުގެ މަސައްކަތް އަވަސް ކުރުމަށް 84 މިލިޔަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކުރީ އެއަށްވުރެ މާ ރަނގަޅަށް އަދި މާ އަގުހެޔޮކޮށް މާލެ ސިޓީ ކައުންސިލުން އެކަން ކުރެވެން އޮއްވާ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަމަލުކޮށްފައިވާ ގޮތުންވެސް އެނގެނީ އެމްޑީޕީ ސަރުކާރުގެ އިހްލާސްތެރިކަން ނެތް މިންވަރު ކަމަށް ވަނީ ވިދާޅުވެފައެވެ.
ހީނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތުކަމަށެވެ. އެގޮތުން މި ފަސް އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ކޮންމެ ރައްޔިތަކަށް އެކަން ކަށަވަރުކޮށްދެއްވައި ރައީސްގެ އެ ވައުދު ފުއްދަވާނެކަމަށް ހީނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މި މައްސަލަ ހައްލުކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވާކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ، އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށެވެ. އެގޮތުން ގުޅިފަޅާއި ފުށިދިއްގަރުފަޅު އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާކަން ހީނާ ފާހަގަކުރެއްވިއެވެ.