މި މަހުގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް އެ ޕާޓީން ކަނޑައަޅާފައިވާ ތަރުޖަމާނު ހީނާ ވަލީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރެއްވުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ އެންމެ މުހިއްމު އެއް ވައުދުފުޅު ކަމަށެވެ. އެގޮތުން މި ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވައި ގެދޮރުވެރިކަން ނެތް ހުރި ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާކަން ހީނާ ފާހަގަކުރެއްވިއެވެ.
ރައީސް ޑރ.މުޢިއްޒުގެ ވެރިކަން ފެށުމާއެކު ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށިފައިވާކަން ހީނާ ފާހަގަކުރެއްވިއެވެ. އެގޮތުން ހީނާ ފާހަގަކުރެއްވި ގޮތުގައި ގުޅިފަޅާއި ފުށިދިއްގަރުފަޅު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި އަންނަނީ ކުރަމުންނެވެ. އަދި އޭގެ އިތުރަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ މުހިއްމު ޤާނޫނުތައް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހުށަހަޅާފައިވާ ބިލުތަކުގެ ތެރެއިން އޭނާ ފާހަގަކުރެއްވީ ރިއަލް އެސްޓޭޓުގެ ޤާނޫނާއި އިޖުތިމާއީ ގެދޮރުވެރިކަމާއި ބެހޭ ޤާނޫނެވެ.
އެ މަސައްކަތްތައް ހިނގަމުންދާކަން ފާހަގަކުރެއްވުމާއެކު ހީނާ ވިދާޅުވީ އެމްޑީޕީއަށް ސަރުކާރު ލިބި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އޮވެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތަކީ ކޮބައިތޯ ވިސްނައިލަންޖެހޭ ކަމަށެވެ. ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ބިނާކުރި ހިޔާ ފުލެޓުތަކާމެދު އެމްޑީޕީ ސަރުކާރުން ކަންކަން ކުރި ގޮތަށް ބަލައިލުމުން އެކަނި އެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އޮތީ ފެއިލުވެފައިކަން ސައްތައިން ސައްތަ ޔަގީންވާކަމަށް އޭނާ ވިދާޅުވިއެވެ.