“ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަރަށް ބައިވަރު ދަރަނިތައް އެބަހުރި. އެހެންވީމާ އެދަރަނިތައް ރިސްޓްރަކްޗާ ކުރުމަށްޓަކައި މަނިކުފާނު ގެންގުޅުއްވާ ސިޔާސަތަކީ ކޮބައިތޯއޭ،” ނައުޝާދު ރައީސާ ސުވާލު ދަންނަވަމުން ބުނެފައިވެއެވެ.
ނައުޝާދުގެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ދައުލަތުގެ ކުންފުނިތައް ނަހަމަ ގޮތުގައި ސިޔާސީ ބޭނުމަށް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ކުންފުނިތަކުގައި ހުންނަ އުސޫލުތަކާ ޚިލާފަށް ސިޔާސީ މަޤުޞަދުތަކުގައި ކުންފުނިތައް ބޭނުންކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި އުސޫލުތަކާ ޚިލާފަށް ކުންފުނިތައް ބޭނުންކުރުމުގެ ސަބަބުން ކުންފުނިތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައިކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ވަރަށް ގިނަ ކުންފުނިތައް އޮތީ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.