މިރޭ ބޭއްވި އައްޑޫ ހުޅުދޫ ދާއިރާގެ ޕްރޮގްރެސިވް ކޮންގްރެސް ކެންޑިޑޭޓް މުހައްމަދު ޝާހިދު (ޝާޑް)ގެ ކެމްޕެއިން އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޝާޑްއަކީ ހުޅުދޫ ދާއިރާއަށް އެމަނިކުފާނުގެ ސަރުކާރުން ކުރަން ރާވާފައި ހުރި ކަންކަމުގައި އެންމެ ފުރިހަމަ ގޮތުގައި ދެގޮތެއް ނުވެ އެންމެ ރަނގަޅަށް އެއްބާރުލުން ދެއްވާނެ ހަމައެކަނި ބޭފުޅާ ކަމަށެވެ. އެގޮތުން މިފަހަރަކީ އައްޑޫގެ ތަރައްގީއަށްޓަކައި ކުރަން ހުރި މަސައްކަތްތަކުގައި އެކަތިގަނޑަކަށް ވާން ޖެހޭ ފަހަރު ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި އެމަނިކުފާނު ކެމްޕެއިންގައި އައްޑޫއަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަަކީ ހުޅުދޫ-ހިތަދޫ ބްރިޖްގެ މަޝްރޫއެވެ. އެ މަޝްރޫއު މި ސަރުކާރުން ވަނީ ފައްޓަަވާފައެވެ.
“އެ މަސައްކަތުގެ ފީސިބިލިޓީ މަސައްކަތް މިހާރު ވަނީ ނިމިފައި، ދެން މިހާރު އެ ހިނގަނީ އެ މަސައްކަތާއި ގުޅިގެން އެ ކުރެވުނު ސާވޭގެ މައްޗަށް ކުރަން ޖެހޭ އެކި ކަހަލަ ހިސާބުތަައް ހެދުމާއި ފީސިބިލިޓީގެ ބާކީ ބައި، އެކަން ނިންމާފައި އަޅުގަނޑުމެން ދާނީ އަމަލީ މަސައްކަތުގެ މަރުހަލާއަށް،”.
އެގޮތުން އެމަނިކުފާނު ވައުދުވި ގޮތަށް 2024 ވަނަ އަހަރު ނިމުމުގެ ކުރިން އެ ބްރިޖްގެ މަސައްކަތް ފަށާނެ ކަމަަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި ވާހަކަ ވަނީ އަނެއްކާވެސް ތަކުރާރު ކުރައްވާފައެވެ. އަދި އެކަން އަމަލީ ގޮތުން ފެންނާނެ ކަމަށްވެސް ވިދާޅުވެފައި ވެއެެވެ.
“ދެން މިހާރު މި ކިޔަނީ މިތަނުގެ ބްރިޖް އަޅަން ފެށިއިރު އެބައި މީހުން ކީއް ގޮތަށް މިއީ ވާނެ ކަމެއް ނޫނޭ، ބޭކާރު ކަމެކޭ، މީގެ އިންޖީނިއަރިންގ ކޮބާހޭ. މިކަމަކަށް ފައިސާއެއް ނުލިބޭނެއޭ. މިކަހަލަ ވާހަކަ ރައްޔިތުން ގަބޫލު ނުކުރެއްވުން ދެން، އަޅުގަނޑުމެންނަކީ ތަރައްގީގެ ފިކުރުގެ މަތީގައި ތިއްބެވި ބޭފުޅުން،”.
އަދި ރައްޔިތުންނަށްޓަކައި ތަރައްގީ ގެންނަ ހިތްވާ މީހުން ކަމަށާއި، މި ސަރުކާރަކީ ވައުދުވެފައި އެ ވައުދު ފުއްދާ މީހުން ކަމަށްވެސް ރައީސް ވިދާުޅުވިއެވެ.
“މި ބްރިޖަކީ ހަމައެކަނި 30 ހަކަށް މީހުން ސައިކަލު ދުއްވާލަން އަޅާ ބްރިޖެއް ނޫން އެބައި މީހުން ކިޔާ ގޮތަށް، މިއީ މުޅި އައްޑޫ ސިޓީގެ އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އެތައް ހަރުފަތެއް މައްޗަށް ގެންގޮސްދޭނެ ފާލަމެއް، މީގެ ސަބަބުން މުޅި ސިޓީއަށް އަދި މުޅި ދެކުނަށް ލިބިގެން ދާނީ ތަރައްްގީ،”. ރައީސް ވިދާޅުވިއެވެ.