ރައީސް މިފަދައިން ވިދާޅުވީ، މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންނަށް ފަރުވާދީ އަނބުރާ މުޖްތަމަޢަށް ގެނައުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅާއި މިމައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާއި ގުޅޭގޮތުން މާލެސިޓީ މއ.ބޯޅަކިންކިރިމާގޭ ޢާއިޝަތު ޝެރީން, “ރައީސްގެ ޖަވާބު” ސިލްސިލާގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ އެތައް އަހަރެއް ވެފައިވާ, އެކި އުމުރުފުރައިގެ މީހުން އަދި ޚާއްސަކޮށް ޒުވާނުން އޭގެ ވަބާގައި ޖެހިފައިވާ އަދި ހައްލެއް ހޯދިފައިނުވާ ބޮޑު މައްސަލައެއް ކަމަށެވެ.
ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަންއަކީ މިމައްސަލައަށް އެންމެ މުހިއްމު ހައްލު ކަމަށް ޤަބޫލުކުރައްވާ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގެ މެނިފެސްޓޯގައިވެސް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ ސަމާލުކަން ދީފައިވާނެކަމަށް ރައީށް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރިހެބިލިޓޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މިސެންޓަރުތައް ޤާއިމުކުރާނެ ރަށްތައް މިހާރުވަނީ ކަނޑައެޅިފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް މިކަމުން ސަލާމަތްކުރުމަށް ކުރާ މަސައްކަތަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށާއި ރިހެބިލިޓޭޝަން ސެންޓަރުތަކުގެ މަސައްކަތްތައް ކުރިއަށްދާކަމުގައި ރައީސް ވިދާޅުވިއެވެ.