މާފަންނު ހުޅަނގު ދާއިރާގެ ސަރުކާރުގެ ކެންޑިޑޭޓް އަހްމަދު މުސްތަފާ މުހައްމަދުގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޤައުމުގެ ކަންކަން ހަމަ މަޤަށް އެޅުވުމަށް ރައްޔިތުން ވަރަށް ގިނަ ކަންކަން ހަވާލުކޮށްފައިވާ ކަމަށެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ސަރުކާރުން ތެދުވެރިކަމާއެކު މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މެއި 10 ވަނަ ދުވަހުގެ ފަހުން ރާއްޖޭގައި ބޭރުގެ ސިފައިން ނުތިބޭނެ ކަމަށެވެ.
“ހަމަ ކަނޑައެޅިފައިވާ ގޮތަށް މެއި މަހުގެ 10 ވަނަ ދުވަސް އަންނަންވާއިރަށް ރާއްޖޭގައި ނުތިބޭނެ ބޭރުގެ ސިފައިންނެއް، މިހާރު އެއް ބެޗް ވަނީ ފައިބައިފައި ދެން އޭޕްރިލް މަސް ތެރޭގައި ދެވަނަ ޕްލެޓްފޯމްގައި ތިބި ސިފައިން ދާނެ އަދި ބަކީ ތިބި މީހުން ދާނެ. މި މަސައްކަތް ވެސް މިދަނީ ކާމިޔާބުވެގެން” ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ޤާއިމުކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ވެސް ދަނީ ކާމިޔާބުވަމުން ކަމަށާއި އެގޮތުން އެއަރއެންބިއުލާންސްގެ ހިދުމަތް ރައީސް ފާހަގަކުރެއްވިއެވެ.
އެހެން މީހުންނަށް ބަރޯސާވުން ރާއްޖެއިން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި ނުކުރެވޭ ވަރުގެ ކަންކަމުގައި ބޭރުގެ އެހީ ވެސް ހޯދަންޖެހޭ ކަމަށާއި އެންމެންނާއި ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމު ކުރި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީގައި މިހާރު ތިބި އިންޑިއާ ސިފައިން ވަނީ ފޮނުވާލައިފައެވެ.