އެފްއޭއެމްގެ އެދުމުގެ މަތިން ބީހައިވް ހޮޓަލުން ދީފައިވާ ހިދުމަތުގެ އަގަށްވާ 102،186.87 އެމެރިކާ ޑޮލަރު ނުވަަތަ ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާ، އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާތީ، އެ ފައިސާއާއި ތަނަށް ލިބުނު ގެއްލުމުގެ ބަދަލުގައި ފައިސާ ނުދައްކާ ކޮންމެ ދުވަހަކަށް ދެ ޕަސެންޓުގެ އިންޓްރެސްޓަށްވާ ފައިސާ ނަގައިދިނުމަށް އެދި ބީހައިވްއިން އެފްއޭއެމްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ، ޖުލައި 4، 2023ގައެވެ.
އެ ދައުވާ ހުށަހެޅުމުން އެފްއޭއެމްއިން ވަނީ ހިދުމަތުގެ އަގަށްވާ 102،186.87 އެމެރިކާ ޑޮލަރަކީ އެ އެސޯސިއޭޝަނުން ދައްކަން ޖެހޭ އެއްޗެއް ކަމަށް ކޯޓުގައި އެއްބަސްވެފައެވެ.
އެހެން ނަމަވެސް އެފްއޭއެމްއިން ވަނީ ގެއްލުމުގެ ބަދަލަކީ އެއްބަސްވުމުގައި ހިމަނާފައިވާ އެއްޗަކަށް ނުވުމުން އެއީ ނަގައިދެވޭނެ އެއްޗެއް ނޫން ކަމަށް ބުނެ އެކަމަށް އިންކާރު ކޮށްފައެވެ. އަދި ހިދުމަތްދީފައި ވަނީ ގެއްލުން ލިބިއްޖެ ނަމަ އިތުރަށް ފައިސާ ނަގާ ގޮތަށް ނޫން ކަމަށްވެސް އެފްއޭއެމުން ބުންޏެވެ.
އެފްއޭއެމުން ވަނީ ދެ ޕަސެންޓު އިންޓްރެސްޓަކީ އެ ހޮޓަލަށް ދޭން ނުޖެހޭ އެއްޗެއް ގޮތުގައި ކަނޑައަޅައި ދިނުމަށްވެސް އެދިފައެވެ. ބީހައިވްއިން ދިން ހިދުމަތުގެ އަގަށްވާ 102،186.87 ޑޮލަރު އެ ހޮޓަލަށް ދެއްކުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ވެސް އެފްއޭއެމްއިން އެދުނެވެ.
ބީހައިވްއިން ވަނީ މައްސަލައިގައި ހިމެނޭ މައިގަނޑު 102،186.87 ޑޮލަރު ދައްކަން އެއްބަސްވާ ނަމަ ދެ ޕަސެންޓު އިންޓްރެސްޓް މައާފުކޮށްދޭނެ ކަމަށް ކޯޓުގައި ބުނެފައެވެ.
އެހެންވެ، ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް ކުރެއްވި ހުކުމުގައި އަންގާފައި ވަނީ އެފްއޭއެމްއިން ބީހައިވް ހޮޓަލަށް ދޭންޖެހޭ 102،186.87 ޑޮލަރު އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށެވެ. އަދި ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެ މަހަކަށް ދައްކަންޖެހޭ ފައިސާގެ އަދަދަށްވުރެ މަދުނޫން އަދަދެއް ސިވިލް ކޯޓަށް ދެއްކުމަށެވެ.