2023-2024 ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ނަމަ، ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންގެ ފައިނަލް އިމްތިހާނު ބޭއްވުމަށް ކަނޑައަޅާފައި ވަނީ އޭޕްރިލް 16 އިން 27 އާއި ދެމެދުއެވެ.
އެހެންނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ހުރިހާ ސްކޫލަކަށް ފޮނުވި ސާކިއުލާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހަކީ 21 އޭޕްރިލް ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅުމުން، އިމްތިހާނު ބާއްވަން ނިންމާފައި ވަނީ މިމަހުގެ 27 އިން އޭޕްރިލް މަހުގެ 25 އާއި ދެމެދު، ރަސްމީ ދުވަސްތަކުގައި ކަމަށެވެ.
އެހެންނަމަވެސް، އިމްތިހާނު އަވަސް ކުރަން ނިންމި ނިންމުން ބަދަލުކުރަން ސަަރުކާރުން ނިންމާފައިވާކަން “ސަންގު ޓީވީ” އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވައިފައެެވެ.
“މި ފަހަރު މަޖިލިސް އިންތިހާބު އޮންނަ ތާރީހު ބަދަލުވީމައި އިމްތިހާނުތަަކަށް ލޮޅުމެއް އައިސް ދެ އިމްތިހާނެއް އަވަސް ކޮށްފައިވަނީ. އަޅުގަނޑު އެޑިއުކޭޝަން މިނިސްޓަރަށް މިހާރު ދަންނަވައިގެން ވަރަށް އަވަހަށް ހަމަޖައްސައިދެއްވާނެ އަވަސް ނުކޮށް ބާއްވަން. އެހެންވީމަ ދަތި ނުވާގޮތަށް ގޮތަށް. ވީހާ ވެސް ކުދިންނާއި ބެލެނިވެރިންނަށް ފަސޭހަ ވާނެ ގޮތަށް އިމްތިހާނާއި ކުޅިވަރުގެ އެކްޓިވީޓަކާއި ކަލެންޑަރު ލާވަމުން މި ދަނީ.” ރައީސް ވިދާޅުވިއެވެ.