ރާއްޖޭގައި މި އަހަރު ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތަކަށް އޭޝިއާގެ އެންމެ ބޮޑު އެއް މުބާރާތް ކަމަށްވާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ހިމެނިއްޖެއެވެ.
އަންނަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ބާއްވާ މި މުބާރާތުގައި އޭޝިއާގެ ފާހަގަކޮއްލެވޭ އެތުލީޓުން ވާދަކުރާނެއެވެ. އެގޮތުން މުބާރާތުގައި 100 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާއިރު، ވޯލްޑް ކެރަމް ފެޑެރޭޝަންގެ މެންބަރުންނާއެކު 50 ބޭފުޅުންގެ މައްޗަށް އެކުލެވޭ ޑެލިގޭޓުންގެ ޓީމެއް ރާއްޖެ އަންނާނެއެވެ.
މުބާރާތް ރާއްޖޭގައި ބާއްވާކަން އިއުލާންކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަދައްކަވުމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ކުރުމުއްދަތެއްގެ ތެރޭގައި މުބާރާތް ބޭއްވުމަށް ކެރަމް އެސޯސިއޭޝަނުން ކުރި ބުރަ މަސައްކަތާއި، ހޯދި ކާމިޔާބަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މި ބާރާތުގައި ކުޅިވަރު އިދާރާގެ އެއްބާރުލުން ހުރިހާ ގޮތަކުންވެސް ލިބިގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ރައުޝަން ވިދާޅުވި މުބާރާތް މާލޭގައި ބާއްވަން ނިންމީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށާއި، އެގޮތުން ވީހާވެސް ގިނަބަޔަކަށް މެޗުތައް ބަލަން ވަދެވޭނީ މާލޭގައި މުބާރާތް ބޭއްވުމުން ކަމަށެވެ.
އަދި މި މުބާރާތަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލު ތައްޔާރުކުރެވިގެންދާނީ ބައިނަލްއަގުވާމީ މިންގަނޑަށް ކަމަށާއި، މުޅި މުބާރާތުގައި 24 ބޯޑެއް ބެހެއްޓިގެންދާނެ ކަމަށް ރައުޝަން ވިދާޅުވިއެވެ.