މޯލްޑިވިއަންއިން ބުނެފައި ވަނީ، ހަފްތާގެ ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި ފްލައިޓްގެ ދަތުރުތައް ކޮލަމްބޯއަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ އެއާލައިނުން ބުނެފައިވާ ގޮތުގައި ކޮލަމްބޯ ޓިކެޓްގެ އަގު 222 ޑޮލަރުން ފެށިގެން ދާއިރު، ބެގެޖް އެލަވަންސްގެ ގޮތުގައި ޕަސެންޖަރުންނަށް 30 ކިލޯ ލިބިގެންދާނެއެވެ.
އޭގެ އިތުރުން، ކޮލަމްބޯއަށް ދަތުރުކުރާ އެހެން ފުލައިޓުތަކުން ބެގޭޖް އެލެވަންސްގެ އިތުރުކުރުމަށް ޗާޖެއް ނެގި ނަމަވެސް މޯލްޑިވިއަނުން ފޯރުކޮށްދޭ 30 ކިލޯގެ ބެގޭޖް އެލަވަންސަށް އެއްވެސް އިތުރު ޗާޖެއް ނުނަގާނެ ކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ.
ވީއައިއޭއިން ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއަރޕޯޓަށް ފުލައިޓް ބޭއްވުމަށް ހަމަޖެހިފައިވާ ގަޑިއަކީ ރޭގަނޑު 19:35 އެވެ. އަދި ކޮލަމްބޯއިން މާލެއަށް ފުލައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 22:35 އެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ އޭ320 ގެ މަތިންދާ ބޯޓެވެ.
މިދަތުރުގައި ފަސިންޖަރުންނަށް ކާއެއްޗެހި ވެސް ފޯރުކޮށްދެވޭނެއެވެ. މިގޮތަށް ދަތުރުތައް ހަމަޖެއްސީ ހަފްތާ ބަންދާ ދިމާކޮށް ކޮލަމްބޯއަށް ދާ މީހުންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން ކަމަށް އެ އެއާލައިނުން ބުންޏެވެ.
މޯލްޑިވިއަންއިން ބުނީ އެ އެއާލައިނުން ދަތުރުކުރާ ޕަސެންޖަރުންނަށް ނަވަލޯކާ ހޮސްޕިޓަލުން މެޑިކަލް ކޮންސަލްޓޭޝަން، މެޑިކަލް ހިސްޓްރީ އެވެލުއޭޝަން، ބޮޑީމާސް އިންޑެކްސް ޓެސްޓު އަދި ވިޝަން ޓެސްޓު ހެދެން ހުންނާނެ ކަމަށާއި ކްލިނިކަލް ޑައިޓިޝަނަކާ ކޮންސަލްޓު ކުރުމުގެ ފުރުސަތުގެ އިތުރުން ލެބޯޓަރީ ޓެސްޓުތަކުން 15 ޕަސަންޓް ޑިސްކައުންޓް ލިބެން ހުންނާނެ ކަމަށެވެ. އަދި ހެލްތު ސްކްރީނިން ޕެކޭޖުތަކުން ހާއްސަ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެގޮތުން ބުރާސްފަތި ދުވަހު އޮފީސް ނިންމާލައި ކޮލްމްބޯއަށް ދިއުމަށްފަހު ހޮނިހިރު ދުވަހު އަނބުރާ ރާއްޖެއަށް އާދެވޭ ގޮތަށް މޯލްޑިވިއަނުން ވަނީ ހަދާފައެވެ. ދެން ހަފްތާ ބަންދުގައި ލަންކާ ދަތުރެއް އަޅާލުމަކީ އެއްވެސް ކަމެއް ނޫނެވެ.
މޯލްޑިވިއަންއިން މައުލޫމާތުދޭ ގޮތުގައި، އުމުރުން ދުވަސްވީ ޕަސެންޖަރުންނަށް ހާއްސަކޮށްގެން އިނގިރޭސި އަދި ދިވެހި ބަހުން ވާހަކަ ދައްކަން އެނގޭ މުވައްޒަފުން އެސިސްޓެންޓުންގެ ގޮތުގައި ތިބޭނެއެވެ.