ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތުން މިހާތަނަށް ގަވާއިދާ ޚިލާފަށް އުޅޭ 900 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓް ކުރެވިފައިވާނެ ކަމަށް ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.
މުއައްސަސާތައް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮންޓްރޯލާ ޝައްމާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތް އޮތީ މުޅިންހެން ހުއްޓިފައި ކަމަށެވެ.
“މިހާރު އަޅުގަނޑުމެން ސަރުކާރާ ހަވާލުވެފަ މި މަސައްކަތް ފަށަން ބެލިއިރު ވަރަށް ބޮޑަށް މި މަސައްކަތް އޮތީ ހުއްޓިފަ. އަނެއްހެން ދަންނަވާނަމަ އެއްވެސް ވަރަކަށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް ނުވަތަ ބޭރުކުރުމުގެ މަސައްކަތް ނެތް ކުރެވިފަ.” ޝައްމާން ވިދާޅުވިއެވެ.
ނަމަވެސް މިސަރުކާރާ ހަވާލުވެ އެމަސައްކަތް އަލުން ފަށައި މިހާރު ކޮންމެ ހަފްތާއަކު ދޭއް ނުވަތަ ތިން ބޮޑު ރެއިޑް އޮޕަރޭޝަނެއް ކުރިޔަށްދާ ކަމަށެވެ. ޝައްމާން ވިދާޅުވީ މި މަސައްކަތުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީން ގެންދެވެނީ ޑިޓެންޝަން ސެންޓަރުގެ ކެޕޭސިޓީ ހުންނަ ވަރަކުން ކަމަށެވެ.
“ނަގާފަ އެމީހުން މޫވް ކުރުމާއި އެމީހުން ޑީޕޯޓް ކުރުމާއި، ރާއްޖެއިން ބޭރު ކުރުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިޔަށް އެބަދޭ. މިހާރު ފޮނޮވުނު ސީދާއަދަދު މިވަގުތު ދަންނަވާލަން ދަތި. އެހެން ނަމަވެސް 900 އަށް ވުރެ ގިނަ ވާނެ ގަވާއިދާ ޚިލާފަށް އުޅޭ މީހުން ޑީޕޯޓް ކުރެވިފަ ހުރި އަދަދު.” ޝައްމާން ވިދާޅުވިއެވެ.