ފ. ނިލަންދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
އިންފްރަސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީ އިން ސޮއިކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން ވިޔަސް 30 މިނެޓުގެ ތެރޭގައި ދެވޭ ދުރުމިނުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކޮށް، ޑޮމެސްޓިކް އެއާޕޯޓު ވިއުގަ ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ހަދާ އެއާޕޯޓަށް 42.6 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އޭގެ އިތުރުން، 2،098 މީޓަރު ބޮޑު ހިލަ ރިވެޓްމަންޓް ޖަހައި 1،400 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖަހާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އެ މަސައްކަތްތައް ހަވާލުކުރީ 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ނިލަންދޫގެ ކައިރީގައި އޮންނަ މަގޫދޫގައި ހަދާ އެއާޕޯޓުގެ މަސައްކަތް ނިމުމަކާ ގާތްވެފައި ވަނިކޮށް، ނިލަންދޫގައި އެއާޕޯޓު އަޅަން ހަވާލުކުރިއިރު، އެ ދާއިރާގެ މަޖިލިސް ގޮނޑިއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ވާދަކުރައްވަ އެވެ.