ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު އިންޑިއާ އިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން އިންޑިއާގެ މަދަނީ މީހުން ގެންނަނީ ޖުމްލަ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އެމީހުން “އުމުރު ދުވަހު” ނުތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި 89 އިންޑިއާ ސިފައިން ތިބިއެވެ. އެއީ ހދ. ހަނިމާދޫ އާއި ލ. ކައްދޫ އާއި އައްޑޫ ސިޓީގައެވެ. އެ ތިން ޕްލެޓްފޯމްގެ ތެރެއިން އައްޑޫގެ ގަމުގައި ހެލިކޮޕްޓަރު ދުއްވަން ތިބި އިންޑިއާގެ ސިފައިން ވަނީ މި މަހު ރާއްޖެ ދޫކޮށް ގޮސްފައެވެ. އެމީހުންގެ ބަދަލުގައި މިހާރު ތިބީ މަދަނީ މީހުންނެވެ.
ރާއްޖެ އާއި އިންޑިއާ އިން އެއްބަސްވެފައި ވަނީ މި އަހަރުގެ މެއި 10 ގެ ކުރިން ހަނިމާދޫ އާއި ކައްދޫގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު އެ ތަންތަނަށް ވެސް މަދަނީ މީހުން ގެންނާށެވެ. އެމީހުން މަސައްކަތް ކުރާނީ އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓާ ގުޅޭ އޮޕަރޭޝަންތަކުގައެވެ.
ރައީސް ޑރ. މުއިއްޒު އޮންލައިން ނޫސް “ވަގުތަށް” ވިދާޅުވި ގޮތުގައި ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ތިބެން ޕްލެޓްފޯމްތައް ގާއިމުކޮށްފައި ވަނީ އިންޑިއާ ސަރުކާރާއި ރާއްޖޭގެ ސަރުކާރާ ދެމެދު ގާއިމު ކުރި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. ސިފައިން ތިބުމަކީ ރައްޔިތުންނާއި ސަރުކާރުން ވެސް ގަބޫލު ކުރާ ސިޔާސަތެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ދިވެހިން އެ ތަކެތި އޮޕަރޭޓް ކުރަން ހަވާލު ކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.