އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ބޭނުންކުރާ ސްލޯގަން ކަމަށްވާ “މިސްރާބު ހަމަމަގަށް” ނިސްބަތްކުރައްވައި ރައީސް މިހެން ވިދާޅުވީ މަޖިލިސް އިންތިހާބުގައި ޕީއެންސީއިން ހޮޅުދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އަބްދުއްސައްތާރު މުހައްމަދުގެ ކެމްޕެއިނު އިވެންޓެއްގަ އެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ ލާބައަށް ހުރި ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫއުތަކަށް ފާޅުގައި ގޮންޖަހާ ބަޔަކު މަޖިލީހަށް ހޮވައިފި ނަމަ ވާނެ ހެވެއް ނެތް ކަމަށެވެ.
ރައީސް މިސާލު ނެންގެވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައި އޮތް ސޮވްރިން ޑިވެލޮޕްމެންޓް ފަންޑާ ގުޅޭ ބިލު މިއަދު ބޭރުކޮށްލުމާ ގުޅިގެން އެކަމަށެވެ.
އެމްޑީޕީގެ ވެރިކަމުގައި މި ފަންޑު “ވިއްސިވިހާލިކޮށްލައި” ފައިސާކޮޅު ހުސްކޮށްލާފައިވަނިކޮށް އަނބުރާ ހަމަ މަގަށް ގެނައީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި، ދިވެހިން އެދޭ ގޮތަށް މި ފަންޑު ބަދަލުކުރުމަށް ވައުދުވީ ގޮތަށް މި ސަރުކާރުން އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅި ބިލަކީ އެއީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ބިލު ބޭރުކޮށްލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެ ވިސްނުމުގައި ތިބި ބަޔަކު މަޖިލީހަށް ހޮވަންވީ ސަބަބެއް އެބަ އޮތްތޯ ރައީސް ސުވާލު އުފެއްދެވި އެވެ.
“އެންމެ މިސާލަކުން އެބަ ދޭހަކޮށްދޭ ސަރުކާރާ ދެކޮޅަށް ސަރުކާރުން ރައްޔިތުންގެ ހައްގުގައި ގެންދަން ބޭނުންވާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކާއި ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ބަޔަކު ހޮވައިގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް. ވާނީ ގެއްލުން ކަން. ގެއްލުމުގެ މައްޗަށް ގެއްލުން ކަން. މިސްރާބު ދާނީ އަނެއްކާވެސް އޮޔާކަން. އިގްތިސާދު ވެއްޓޭނީ އަނދަވަޅަކަށް ކަން މިސްރާބު ގެންގޮއްސިއްޔާ،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ނިމިދިޔަ ވެރިކަމުގައި ވައްޓާލާފައި އޮތް އަނދަވަޅުން ނަގައި، ރަނގަޅު މިސްރާބަށް ދިވެހިންގެރާއްޖެއަށް ގެންދިއުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވަނީ އެ ސަބަބަށްޓަކައި ކަމަށެވެ.
ކެމްޕެއިނު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ ނިމިދިޔަ ސަރުކާރުގައި ފާޑުކިޔުން އަމާޒުވި އެމްޑީއެންގެ ރިޕޯޓުގެ ހަނދާން އާކުރައްވައި، އެ ކަން ކުރި މީހުންނަށް އެ ސަރުކާރުން ވާގިވެރިވީ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
“އެ ރިޕޯޓު ހެދި މީހުން އެ ފަސް އަހަރު ނިމިގެން ދިޔައީ އަޅުގަނޑުމެންގެ ފައިސާއިން މުސާރަ ދީގެން ނޫންތޯ. ޖަމިއްޔާ އުވާލަން ރައްޔިތުން ޕްރެޝާކުރީމާ ނަމެއްގައި އުވާލި. އެކަމަކު ޖަމިއްޔާ ދިޔައީ ހިނގަމުން. އެހެންވެގެން ކަންނޭނގެ އެ ބޭނުން ވަނީ އަނެއްކާވެސް އަނެއް ފަސް އަހަރަށް އެ ބާރު މަޖިލީހުގައި އިތުރުކުރަން،” ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ފިކުރުގެ ބަޔަކަށް ޖާގަ ދޭންވީ ސަބަބެއް އަދި ވިސްނުމެއް ވެސް ނެތް ކަމަށާއި އެ މީހުންނަށް ހިމާޔަތްދިން ސަބަބާ މެދު އެމްޑީޕީން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.
އިސްލާމްދީނުގެ ވާހަކަ ދައްކައި ފަސް ވަގުތު ނަމާދު އަދާކުރުމަށް ޕޯޑިއަމްތަކުގައި ގޮވާލާތީ އެ މަނިކުފާނަށް ފުރައްސާރަ ކުރައްވާ ކަމަށާއި ނަމަވެސް އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.