ހދ. ކުޅުދުއްފުށިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން މާދަމާ ޖަނަރޭޓަރެއް އެ ރަށަށް ފޮނުވާނެ ކަމަށް ފެނަކަ އިން މިއަދު ބުނެފި އެވެ.
ކުޅުދުއްފުއްޓަށް ކަރަންޓު ދިނުމަށް ހަތް ޖަނަރޭޓަރު ބޭނުންކުރެ އެވެ. ހޫނު ގަދަވުމުގެ ސަބަބުން ލޯޑް ނުހިފެހެއްޓި، އެ ރަށުގައި ހުރި ޖަނަރޭޓަރުތަކުން ރަށަށް ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދޭތީ ކޮންމެ ދުވަހަކު ވެސް ވަކި ގަޑިތަކެއްގައި ޖެހެނީ ރަށުން ކަރަންޓު ކަނޑާށެވެ.
އެކަމާ އެ ރަށު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު “މިހާރު” އަށް ވިދާޅުވީ، ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށް 800 ކިލޯވޮޓްގެ ޖަނަރޭޓަރެއް މިހާރު ފޮނުވާފައިވާ ކަމަށެވެ.
“ކުޅުދުއްފުއްޓަށް މިހާރު އެބަ ފޮނުވަން 800 ކިލޯވޮޓުގެ ޖެންސެޓެއް. އެ ޖެންސެޓެއް މާދަމާ އެ ރަށަށް ލިބޭނެ،” އޭނާ ވިދާޅުވި އެވެ.