ފައްޔާޒް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އަންގާފައި ވަނީ މާދަމާ މެންދުރު ފަހު 15:00 އަށެވެ.
ފައްޔާޒް ހާޒިރު ކުރަން ފޮނުވި ޗިޓުގައި އޮތީ އާރުޑީސީ އަށް ލިބޭ ފައިސާ ކުންފުނީގެ ވެރިންނާއި އާރުޑީސީއާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް އާރުޑީސީގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި އާރުޑީސީން ކުރި މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒް އަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ސުވާލު ކުރުމަށެވެ.
އެކަމާ ގުޅިގެން ފައްޔާޒް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށިފައިވާ ކަމަށެވެ. އާރުޑީސީން ހިޔާނާތެއް ވެއްޖެ ކަމަށް ބުނެ، ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި އާރުޑީސީގެ ހިޔާނާތާ ގުޅޭ މައުލޫމާތު ދިނުމަށް، މި މަހުގެ ކުރީކޮޅު ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމާންޑް ޕޮލިސް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒް ވިދާޅުވީ އާރުޑީސީގެ ހިޔާނާތުގައި ސަރުކާރުގެ ގިނަ މުވައްޒަފުންގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވޭ އިރު، ތިން މީހަކު ބައިވެރިވާ ކަމަށް ޔަގީން ކުރެވޭ ކަމަށެވެ.
އެ ތިން މީހުންގެ އަމިއްލަ އެކައުންޓަށް ކުންފުނީގެ 14 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް، އެ އިން ކޮންމެ މީހެއްގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.