މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ހާޒިރުކުރަން ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. މި މައްސަލަ ފާސްވީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.
އެހެންކަމުން މަދުވެގެން ފަސް ދުވަހުގެ ތެރޭގައި ޣައްސާން ހާޒިރުކުރުމަށް ކޮމިޓީން މިވަނީ ފާސްކޮށްފައެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ އެ މައްސަލައިގައި މަޖިލީހާއި ހިއްސާކުރަންޖެހޭ އިތުރު މައުލޫމާތު އެބަހުރި ކަމަށާއި މަޖިލީހުން އެދުމުން އެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.
“މިހާރު ފެނިފައި ހުރި ކަންތައްތަކުގައި ބައެއް މައުލޫމާތު މި މަޖިލީހަށް ހަޤީގަތުގައި މި މައްސަލައިގައި އިތުރަށް ހިއްސާކުރަން ދިފާއީ ވުޒާރާގައި އެބަހުރި، އެހެންނަމަވެސް އެ މައުލޫމާތު އަޅުގަނޑުމެންނަށް ހިއްސާ ކުރެވޭނީ ތިބޭފުޅުން އެ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވީމަ.” މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ.
ޣައްސާން އެހެން ވިދާޅުވުމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ރާވައިގެން ދިން ބޮމުގެ ހަމަލާގެ އިތުރު ތަފްސީލު ހޯދައިދެއްވުމަށް މަޖިލީހުގައި އެދިވަޑައިގެންފައެވެ.
ހަމައެއާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ތުރުކީން ގެނައި ޑްރޯންތަކުގެ މުއާމަލާތާއި ގުޅިގެން އިދިކޮޅުން ދަނީ ބޮޑެތި ތުހުމަތުތައް އަޅުވަމުންނެވެ. އަދި އެ ޑްރޯންތަކުގެ މުއާމަލާތުގެ ތަފްސީލު ހާމަކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. ރާއްޖެއިން ގަތް ޑްރޯން ކުވެއިތުން ވެސް ގަނެފައިވާއިރު، ކުވެއިތުން ހަމަ އެ ބްރޭންޑުގެ ޑްރޯނެއް ގަތީ 2 މިލިޔަން ޑޮލަރަށް ކަމަށާއި ކުވައިތަށް ދެ މިލިއަން ޑޮލަރަށް ޑްރޯނެއް ގަތް އިރު، ދިވެހިރާއްޖެއަށް 39 މިލިއަން ޑޮލަރަށް ދެ ޑްރޯން ގަތުމުން އެކަމާ ޝައްކު އުފެދޭ ކަމަށް އެމްޑީޕީން ރޭ ވަނީ ބުނެފައެވެ.