ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ހުޅުމާލެ 2 އިން ދޫކޮށްފައިވާ ގޯތިތަކަށް އަރާފައިވާ ފެނާއި ނަރުދަމާ ނެޓްވޯކް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ކުރީގެ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން 150 އެއްހާ ގޯތި ފެނާއި ނަރުދަމާ ހޮޅިތަކަށް އަރަ އެވެ. އެހެންވެ، ބިމުގެ އިން ވަކިކޮށްފައި އޮތަސް، އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކުރެވެ އެވެ.
އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެޗްޑީސީ އާއި އެމްޑަބްލިއުއެސްސީ ގުޅިގެން މިއަދު މެންދުރު ވަނީ ފެނާއި ނަރުދަމާ ނެޓްވޯކް އަޅާފައިވާ ތަންތަން ބަދަލުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
އެ މަސައްކަތް ފެށުމަށް ފަހު، މީޑިއާއާ ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.
“މި ތަނަށް ބަލާލި ކަމުގައި ވިޔަސް ސްވަރޭޖް ނެޓްވޯކް މި އޮތީ މި އިންފާރުގެ އެތެރޭގައި. ވޯޓާ ނެޓްވޯކް މި އޮތީ މި ތަނުގައި ފެންނަން،” ފެނާއި ނަރުދަމާ ނެޓްވޯކަށް އަރާ ގޮތަށް ދޫކޮށްފައިވާ ގޯއްޗެއް ދައްކަވަމުން ފަޒުލް ވިދާޅުވި އެވެ.