“2 ބިލިޔަން ރުފިޔާ އެއީ މިހާރު އެގްރީމެންޓު ކުރެވިފައި ހުރި ޕްރޮޖެކްޓްތަކުގެ ޖުމްލަ އަދަދު، މިހާރު ކުރިޔަށްދާ 52 ޕްރޮޖެކްޓެއް އެބައޮތް. އެ ޕްރޮޖެކްޓުތަކަށް އެކަނިވެސް 528 މިލިޔަން ރުފިޔާ އެބަ ޚަރަދުވެގެންދޭ ދައުލަތުގެ ބަޖެޓުން.” ހަލީލް ވިދާޅުވިއެވެ.
މި އަހަރުގެ ބަޖެޓުގެ ތެރެއިން ހެލްތު މިނިސްޓްރީން ހިންގާ މަޝްރޫއުތަކަށް ކަނޑައަޅާފައި ވަނީ 380 މިލިއަން ރުފިޔާކަން ފާހަގަކުރައްވަމުން ހަލީލް ވިދާޅުވީ ފަށާފައިވާ މަޝްރޫއުތަކަށް ބަޖެޓުން ޖާގަ ދީފައި ނުވާ ކަމަށެވެ. އެގޮތުން ހަވާލުކުރެވިފައިވާ މަޝްރޫއުތައް ހިންގުމަށް ބަޖެޓުގައި ކުޑަ އަދަދެއް ކަމަށާއި އެހެންކަމުން މަޝްރޫއުތަކަށް އެޑްވާންސަށް ފައިސާ ދައްކަން ދަތިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“ހަމައެކަނި އެޑްވާންސް ފައިސާ އެކަންޏަކުން އަދި ނުއެއް ފުދޭ، އެ ޕްރޮގްރެސިވް ރިޕޯޓް އަންނަ ވަރަކުން އެއަށްވެސް ޕޭމެންޓުތައް ހަދަން އެބަޖެހޭ.” ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ ދައުލަތުގެ ބަޖެޓުން އެތަނަކަށް ލިބިފައި އޮންނަ ބަޖެޓަކުން ކޭޓާކުރެވޭ ގޮތަށް ޕްރޮޖެކްޓްތައް ހަވާލުކުރުމާއި ޕްރޮޖެކްޓުތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސައިގެން ނޫނީ މި ކަންތައް ނުކުރެވޭނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ، މަޝްރޫއުތައް ހުއްޓެން ދިމާވި އެއް ސަބަބަކީ ބޭރުގެ ފަންޑިންއަކުން މަޝްރޫއުތަކަށް ފަންޑުކުރާ ގޮތަށް އޮތް ނަމަވެސް، ފަންޑުކުރަން ހަަމަނުޖެހެނީސް ވަކި ގޮތަކަށް މަޝްރޫއުތައް ހަވާލުކުރުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން އިތުރު ފަންޑިން ސޯސްތަކަށް ހުށަހަޅައިގެން ވެސް މަޝްރޫއުތައް ހިންގޭތޯ މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.