ޑރ.ޚަލީލު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރު ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދިން ކަމަށާއި 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވެސް ދިން ކަމަށެވެ.
ނަމަވެސް ބޭނުން ގޮތަަކަށް ގައުމު ހިންގަން ލިބުމުން، 60 ބިލިޔަނުން ދައުލަތް ދަރަނިވެރިކުރުން ފިޔަވައި އިތުރުކަމެއްނުވާ ކަމަށް ޑރ.ޚަލީލު ވިދާޅުވިއެވެ. ނުވިތާކަށް ރައްޔިތުންނަށް ދޭން ލާޒިމްކުރާ އަސާސީ ޚިދުމަތެއް ކުރިނޭރުވުނު ކަމަށް ވެސް ޑރ.ޚަލީލު ވިދާޅުވިއެވެ.
ޑރ.ޚަލީލު މިހެން ވިދާޅުވެފައިވަނީ ގައުމުގެ މިސްރާބު ހަމަމަގަށް ގެންދިއުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް މެޖޯރިޓީ ދޭންޖެހޭ ކަމަށް އެ ޕާޓީގެ ރައީސް އަދި އޭރުގެ ޚާރިޖީ ވަޒީރާއި އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
މިސްރާބު ހަމަމަގަށް ގެންދިޔުމުގެ ވާހަކަ އެމްޑީޕީއިން ދައްކާއިރު އެކަމަށް ރައްދު ދެއްވައި ހޯމް މިނިސްޓަރު ޢަލީ އިޙުސާން ދާދިފަހުން ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނީ އެ ސަރުކާރުގެ މިސްރާބު ހުރި ގޮތް ގޯސްވުމުން ކަމަށެވެ. އެގޮތުން މަޝްރޫއުތައް ހިންގުމުގެ ނަމުގައި 9,000 މިލިއަން ރުފިޔާ ރައްޔިތުންނަށް ދަރާފައިވާ ކަމަށް އިޙުސާން ވިދާޅުވެފައިވެއެވެ.