ރޭ ހުޅުމާލޭގައި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު ސައުދުﷲ ހިލްމީގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ސައީދު ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤުތިޞާދު އޮތް ހާލަތެވެ. މިހާރު އެ ހާލަތުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކާ ނެރެވެމުންދަ ނަތީޖާތަކަށް އޭނާ އަލިއަޅުވައިލެއްވިއެވެ.
އެގޮތުން ޑޮލަރުގެ އަގު ދަށްކޮށް ދިވެހިރުފިޔާ ބާރުގަދަކުރެއްވުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތާމެދު ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ނޮވެންބަރު 17 ވަނަ ދުވަހުން ފެށިގެން 31 ޑިސެންބަރާ ދެމެދުގައި ރައީސް ޑރ.މުޢިއްޒު ބޭނުންފުޅު މިންވަރަކަށް ފައިސާ ޗާޕުކުރެއްވޭނެ ޤާނޫނީ ޖާގަ އޮތް ނަމަވެސް އެމަނިކުފާނު އިކޮނޮމިކް ކައުންސިލަށް އިރުޝާދު ދެއްވާފައި އޮތީ ފައިސާ ޗާޕުކުރުން އެކީ ހުއްޓައިލާ، ޑޮލަރުގެ ކުރިމަތީގައި ދިވެހިރުފިޔާގެ ބާރު އިތުރަށް ވަރުގަދަކުރުމަށް ކަމަށެވެ.
“ރައީސް މުޢިއްޒަަށް ލިބިވަޑައިގެންނެވި ހަމަގައިމުވެސް 17 ނޮވެންބަރު 2023އިން ފެށިގެން 31 ޑިސެންބަރާ ހަމައަށް ނިމިދިޔަ އަހަރުގައި ބޭނުންވަރަކަށް ފައިސާ ޗާޕުކުރައްވަން. 8 ބިލިއަން، 9 ބިލިއަން، 10 ބިލިއަން ރުފިޔާ ޗާޕުކުރައްވަން ބޭނުންވިނަމަ އެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގެންނެވި. އިކޮނޮމިކް ކައުންސިލަށް އެމަނިކުފާނު ދެއްވި އިރުޝާދަކީ، ނޫނެކޭ ފައިސާ ޗާޕުކޮށްގެންނުވާނޭ އިތުރަކަށް،” ސައީދު ވިދާޅުވިއެވެ.