ކުޑަރަށެއް ބޮޑުރަށެއް ނުބަލައި އެމްޑީޕީން ކުރިކަންތައް ދިވެހިރާއްޖޭގެ ބައިތުލްމާލުން ސާފުކޮށް ފެންނަށް އެބައޮތް ކަމަށާއި އެމްޑީޕީގެ ސަރުކާރުން ދިވެހިރައްޔިތުން ދަރުވާލީ ކުޑަރަށެއް ނުބަލައި ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕާޓީ, ޕީއެންސީގެ މަޖިލިސް ކެންޕޭން އިވެންޓެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އެމްޑީޕީން ވަނީ ތަރައްޤީގެ ނަމުގައި ދައުލަތުގެ ވަތްގަނޑުން ފައިސާނަގާފައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ސަރުކާރުގެ އަޣުލަބިއްޔަތު ނެތަތީވެ, ސިޔާސީ ބޭނުމުގައި ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށްޓަކައި މެޖޯރިޓީއޮތް އެމްޑީޕީން ސަރުކާރަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޖެއްސުން ކުރަމުންދާކަމަށާއި މިކަމުގެ ސަބަބުން ހުރިހާ ގެއްލުމަކާއި ދެރައެއް ލިބިގެން މިދަނީ ދިވެހިރައްޔިތުންނަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.