ކޮންމެ ދުވަހަކު ރައީސް އޮފީހުން ގެނެސްދޭ “ރައީސްގެ ޖަވާބު” ގައި މީހަކު ސުވާލުކުރީ މި ފަހުން ގެނައި ޑްރޯންތައް ދުއްވުމުގައި އެެއްވެސް އިތުރު ގެއުމެއްގެ ސިފައިން ތިބޭނެތޯ އެވެ. އޭނާ އެގޮތަށް ސުވާލުކުރީ މީގެ ކުރިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގައި އިންޑިއާގެ ސިފައިން ހަރަކާތްތެރިވެފައިވާތީ އެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެއްގޮތަކަށް ވެސް ބޭރުގެ ސިފައިން ރާއްޖޭގައި ގެންގުޅުމުގެ ސިޔާސަތު އެ މަނިކުފާނު ނުގެންގުޅުއްވާނެ ކަމަށެވެ. އެހެންވެ، އެ ޑްރޯންތައް ބޭނުންކުރާނީ ހަމައެެކަނި ދިވެހި ސިފައިން ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ސިފައިންގެ ޓީމެއް ވަނީ ތުރުކީގައި ޑްރޯންތައް ދުއްވުމުގެ ހާއްސަ ތަމްރީނުތައް ފުރިހަމަކޮށްފައި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ސިފައިން ތަމްރީނުވުމަށް އެ ގައުމަށް ދާނެ ކަމަށެވެ. އެކަމަކު އެ ޑްރޯންތައް ދުއްވުމުގައި އެހީތެރިވާން ވެސް ބޭރުގެ ސިފައިން ނުތިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
“އަލަށް މި ތައާރަފުކުރި ސިފައިންގެ އެއާ ކޯ ސާވިސްގައި ވެސް އަދި އޭގެ ދަށުން ދުއްވަން ފެށި މި ޑްރޯންތައް ދުއްވުމުގައި ވެސް ނުތިބޭނެ ބޭރުގެ ސިފައިންނެއް. ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންނެއް އެކަމުގައި އެހީތެރިވާން ވެސް ރާއްޖޭގައި ނުތިބޭނެ،” ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އެގޮތަށް ވިދާޅުވިއިރު، މީގެ ކުރިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގައި އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރު ދުއްވީ އިންޑިއާ ސިފައިންނެވެ. އެކަމަކު އެމީހުން ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާއިރު އައްޑޫ ގަމުގައި ތިބި އިންޑިއާގެ 25 އަކަށް ސިފައިން ވަނީ މި މަހުގެ 10 ގެ ކުރިން ފޮނުވާލައިފަ އެވެ. އަދި ބާކީ ތިބި ސިފައިން މި އަހަރުގެ މެއި 10 ގެ ކުރިން ފޮނުވާލަން، ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.