މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިފާއީ ވަޒީރު ހާޒިރުކޮށް މެންބަރުން ވަނީ ސުވާލުކުރައްވާފައެވެ. އެގޮތުން ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މެންބަރު އިމްތިޔާޒް ފަހުމީ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅޭގޮޮތުން ސުވާލުކުރައްވާފައެވެ. އެގޮތުން ހަމަލާދިންތާ 3 އަހަރު ވެފައިވާކަން ފާހަގަކޮށް އެ މައްސަލައިގެ ފުންމިނަށް ބެލުމުގެ ކަންތައްތައް މި ސަރުކާރުން ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިދާނެތޯ އިންތި ވސުވާލުކުރެއްވިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ ޤާނޫނީ ގޮތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ވާޖިބު އެންމެ ފުރިހަމައަށް އަދާކުރާނެ ކަމަށާއި ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލަ ވެސް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
ޣައްސާން ވިދާޅުވީ އެ މައްސަލައިގައި މަޖިލީހާއި ހިއްސާކުރަންޖެހޭ އިތުރު މައުލޫމާތު އެބަހުރި ކަމަށާއި މަޖިލީހުން އެދުމުން އެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.
“މިހާރު ފެނިފައި ހުރި ކަންތައްތަކުގައި ބައެއް މައުލޫމާތު މި މަޖިލީހަށް ހަޤީގަތުގައި މި މައްސަލައިގައި އިތުރަށް ހިއްސާކުރަން ދިފާއީ ވުޒާރާގައި އެބަހުރި، އެހެންނަމަވެސް އެ މައުލޫމާތު އަޅުގަނޑުމެންނަށް ހިއްސާ ކުރެވޭނީ ތިބޭފުޅުން އެ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވީމަ.” މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ.