މަސްތުވާތަކެއްޗަށް އެޑިކްޓުވުމުގެ ފަރުވާއެއްގެ ގޮތުން، އަމިއްލައަށް އެދިގެން މެތަޑޯން ފަރުވާ ފުރިހަމަކުރަމުންދާ މީހުންނަށް ކުރީގެ މައްސަލައަކާ ގުޅިގެން ރިހެބަށް ދާންނުޖެހި ފަރުވާ ފުރިހަމަކުރެވޭނެ ގޮތެއް އިންތިޒާމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނަތާޝާގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ފަރުވާ ހޯދަމުންދާ ކުދިން ޖަލަށް ނުވަތަ ރިހެބަށް ނުގެންގޮސް ފަރުވާ ފުރިހަމަކުރެވޭނެ ގޮތެއް ހަމަޖެއްސޭނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާ ކަމާ ގުޅޭ އިދާރާތަކާއެކު މަޝްވަރާކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިކަމާ ގުޅޭ ގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި އަދި ކަމާ ބެހޭ ފަރާތްތަކާ ވާހަކަދައްކައި ތިވިދާޅުވި ކަންތައް މިހާރު އޮންނަ ގޮތަށްވުރެ ހަރުދަނާކޮށް ޓްރީޓްމެންޓު އެއްކޮށް ކޮންޓިނުއުކޮށް ނިންމޭނެ ގޮތް ހަދައިދިނުމަށްޓަކައި ހަމަޖައްސަންޖެހޭ ކަންކަން ޤާނޫނީ އިމުގެ ތެރެއިން ހަމަޖައްސަން،” ރައީސް ވިދާޅުވިއެވެ.