އައިއޭސީން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ޔަމަނަކީ ދުނިޔޭގައި ފެނަށް އެންމެ ބޮޑަށް ޖެހިފައިވާ އެއް ޤައުމު ކަމަށްވާއިރު، މި ރަމަޟާން މަހާ ދިމާކޮށް ދިވެހީންގެ ފަރާތުން ޔަމަނުގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދެވުނު ކަމަށް އައިއޭސީން ވަނީ ހާމަކޮށްފައެވެ.
ޔަމަނުގެ ގާތްގަނޑަކަށް 19 މިލިއަން މީހުންނަކީ ފެނުގެ ރައްކާތެރިކަން ނެތް މީހުންނެވެ. އޭގެ ސަބަބުން ސާފުތާހިރުކަމުގެ ހާލަތު ދަށްވެ ބަލިތައް ފެތުރުމަށް މަގުފަހިވެގެންދެއެވެ. ކޮލެރާ އާއި އެކިއުޓް ވޯޓާރީ ޑައިރިއާ ފަދަ ބަލިތަކަކީ 2015 ވަނަ އަހަރުން ފެށިގެން ޔަމަނުގެ މީހުންގެ ސިއްހަތަށް ކުރިމަތިވެފައިވާ ނުރައްކަލެއް ކަމަށާއި ފަހަކަށް އައިސް ސިއްހީ ދާއިރާ ދަށްވުމުން ކޮވިޑް-19 ފެތުރެމުންދާ ކަމަށް އެގައުމުގެ މީޑީއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.
އައިއޭސީގެ އެހީގައި ޓްރަކެއްގައި ގެންދިޔަ ފެން ޔަމަނުގެ ރައްޔިތުންނަށް އެއްވެސް އަގަކާ ނުލައި ފޯރުކޮށްދޭ މަންޒަރު ފެންނަ ފޮޓޯތައް ވެސް އައިއޭސީއިން ވަނީ ހިއްސާކޮށްފައެވެ.