ވަޒީރު އިހުސާން މިހެން ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މި ސަރުކާރުންވަނީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައި ކަމަށް ކުރީގެ ހާރިޖީ ވަޒީރު އަދި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވުމާއި ގުޅިގެނެވެ.
ވަޒީރު އިހުސާން ވިދާޅުވީ މިސްރާބު ހުރިގޮތް ގޯސްވުމުން ރައްޔިތުން އެމްޑީޕީގެ ސަރުކާރަށް ރިޔާސީ އިންތިހާބުގައި ނޫނެކޭ ބުނީ ކަމަށެވެ. އެ ސަރުކާރުން ވަނީ ޕްރޮޖެކްޓް ހިންގުމުގެ ނަމުގައި 9000 މިލިއަން ރުފިޔާއިން ރައްޔިތުންނަށް ދަރާފައި ކަމަށް ވިދާޅުވިއެވެ.
” 12 މިލިއަނަށް ނިންމޭ އިމާރާތެއް ހަދަން ދިނީ 39 މިލިއަނަށް. މިއީ ހަމަ މަގު ތޯ؟.” ވަޒީރު އިހްސާން ވިދާޅުވެފައިވެއެވެ.
މ. އަތޮޅު ރަތްމަންދޫއަށް ވަޑައިގެން އެކްސްގައި ހިއްސާ ކުރެއްވި ވީޑީއޯއެއްގައި ޝާހިދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ފެއްޓެވި ތަރައްޤީގެ މަޝްރޫއުތައް އެ ރަށުން ފެންނަން ހުރި ކަމަށެވެ.
ޝާހިދު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގައި ފައްޓާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު %90 ނިމިފައިވާ ކަމަށާއި، އިންޖީނުގޭގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމިފައި ހުރި ކަމަށެވެ.
އެހެންނަމެވެސް މި ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި އެ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ޝާހިދު ވަނީ ތުހުމަތުކޮށްފައެވެ.
“މިއަދުގެ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްޤީގެ ހުރިހާ މަޝްރޫއެއް ވަނީ ހުއްޓާލައްވާފައި. މި ރަށުގެ ހުރިހާ މަޝްރޫއުތަކެއް ވަނީ ހުއްޓާލައްވާފައި.” ޝާހިދު ވިދާޅުވިއެވެ.