މުއާޒް ރޭގައި “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުންފުންޏަށް އިންތިހާއަށް ގެއްލުންވާގޮތަށް ބީއޯކިއުއެއް އަދި މާކެޓްގައި މަސައްކަތްތައް ކުރެވޭނެ އަގަށް ބެލުމެއްނެތި އަދި އެސެސްމެންޓެއްވެސް ނަހަދާ، މަގާމުގެ ނާޖާއިޒު ފައިދާ ނަގާ، އިންހައުސްކޮށް ކޮށްފައިވާ 60 ކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ތެރެއިން 25 ޕްރޮޖެކްޓުގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ޕްރޮޖެކްޓްތަކުން ފެނަކައަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެތައް ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދެވި ކުންފުނި ބޮޑުތަނުން ދަރާފައިވާ ކަމަށާއި ޒިންމާ ވާންޖެހޭ ފަރާތްތަކުގެ މައްސަލަ ލަސްނުކޮށް ބަލާ ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. ކެންދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއާޒު މީގެކުރިން ވަނީ ފެނަކަ އާ ހަވާލުވި އިރުގައި އެ ކުންފުނި އޮތީ ބަނގުރޫޓުވެފައި ކަމަށް ވިދާޅުވެފައެވެ.
މުއާޒު ވިދާޅުވީ ފެނަކައާ މި ސަރުކާރުން ހަވާލުވީ 4.3 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމަށާއި ކޮންމެ މަހަކު 86 މިލިއަން ރުފިޔާ ހަމައެކަނި މުސާރައަށް ހޭދަކުރަންޖެހޭ ކަމަށެވެ. އަދި ކުންފުނީގައި 8،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މުއާޒްގެ ވާހަކައިގައި ފާހަގަ ކުރެއްވި އެންމެ ބޮޑު އެއް ކަމަކީ ކުންފުނީގައި މިވަގުތު 502 ޖެންސެޓް ބޭނުން ކުރަމުން އަންނައިރު، އެ ޖެންސެޓް ތެރެއިން 302 ޖެންސެޓް މިވަގުތު ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމެވެ. ރަށެއްގައި ތިން ޖެންސެޓް ހުރި ނަމަ، އޭގެ ތެރެއިން ދެ ޖެންސެޓް ހުންނަނީ ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖެންސެޓްތައް މަރާތު ނުކޮށް ހުއްޓަސް، މުއާޒު ވިދާޅުވީ ޖެންސެޓްތައް މަރާމާތު ކުރުމަށް 100 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ހަރަދުތަކުން ދައްކާ ކަމަށެވެ. ޖެންސެޓްތަކަށް ބޭނުންވާ ސާމާނު ވެސް މިދިޔަ ފަސް އަހަރު ތެރޭގައި ގަނެފައި ނެތް ކަމަށާއި އެހެންވެ، ޖެންސެޓްތައް ހަލާކުވެ އަނެއްކާ އާ އެއްޗެއް ގަންނަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.