ވިލިމާލޭގައި ހަދާނީ އެ ރަށުގެ ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް ކަމަށާއި އެއާއެކު މިހާތަނަށް ރަނގަޅު ނުކުރެވި އޮތް ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުޢިއްޒު މިހެން ވިދާޅުވީ ”ރައީސްގެ ޖަވާބު” ސިލްސިލާގައި ވިލިމާލެ ރައްޔިތަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އޭނާ ސުވާލު ދެންނެވީ ވިލިމާލެ ހޮސްޕިޓަލުގައި ދޭ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވުމަށް އެދިއެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ވިލިމާލޭގެ ސިއްހީ ޚިދުމަތް ރަނގަޅު ކުރުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދޭ ކަމެއް ކަމަށާއި އަދި މިހާތަނަށް ހައްލުނުވެ އޮތް މި މުހިންމު މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވަނީ ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅާނެ ވާހަކަ އިއުލާނުކޮށްފައިވާ ކަން ފާހަގަކުރައްވައި އެ މަސައްކަތް ކުރިއަށްދާ ކަން ފާހަގަ ކުރައްވައިފައެވެ. އަދި އެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައި އޮތީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
”މިހާރު ކުރިއަށްދަނީ ޗައިނާގެ ކަމާބެހޭ އިދާރާތަކުންނާއި އަޅުގަނޑުމެންގެ ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާއި ގުޅިގެން ޑިޒައިނިންގ އާއި ޓެކްނިކަލް މަސައްކަތްތައް. އެކަމަށް ބިން ވެސް ކަނޑައަޅާފަ މިހާރު އެ އޮތީ” ރައީސް ވިދާޅުވިއެވެ.