ވަޒީރު އިހްސާން “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަހުގީގު ނިމެންދެން ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ދޫކުރުން ނުވަތަ ލުއި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށެވެ. އެ ނިންމުން ނިންމާނީ ރާއްޖޭގެ ކޯޓުތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
” ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި މިފަދަ ކަންކަން ސާފުވުން މުހިންމު. މީގެ ދެތިން ދުވަސް ކުރިން ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގިކަމުގެ ދައުވާގައި ބަންދުގައި ހުރި މީހަކު ކޯޓުން ދޯކޮށްލުމުން އެކަން ހިނގި ގޮތް ރައްޔިތުންނަށް އޮޅުވާލަމުން ދާތީ އެކަން ސާފުކޮށްދެން. އެ ނިންމުމަކީ ކޯޓުގެ ނިންމުމެއް. ސަރުކާރުގެ ނިންމުމެއް ނޫން. އެ ނިންމުން ޕީޖީން ދަނީ އިސްތިއުނާފު ކުރަމުން.” ވަޒީރު ވިދާޅުވިއެވެ.
މިދިޔަ އަހަރުގައި ފެންމަތިވި ޖިންސީ ގޯނާގެ މި މައްސަލައިގައި އެ ކުއްޖާގެ ބަޔާން ވެސް މީސްމީޑިއާގައި ދައުރުވިއެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށްވި 13 އަހަރުގެ ކުއްޖާއަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ކާފަ ދޫކޮށްލުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެއީ މުޖްތަމައަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އެކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް މައާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ.