އިއްޔެ ސްޕޯޓްސް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތުގައި ސޮއިކުރެވުނީ ފުވައްމުލަކު ސިޓީގެ ދަނޑިމަގު ފުޓްބޯޅަދަނޑުގެ އިތުރުން ހދ.ވައިކަރަދޫއާއި ށ.ފުނަދޫ އަދި ހއ.ވަށަފަރުގެ ފުޓްބޯޅަދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތުގައެވެ.
16 މިލިއަނަށްވުރެ ގިނައިން ޚަރަދުވާނެ މި 4 މަޝްރޫޢުގެ ތެރެއިން ފުވައްމުލަކުގެ ދަނޑިމަގުގެ ފުޓްބޯޅަދަނޑުގެ ޓާރފްއެޅުން ހަވާލުކުރެވުނީ 4،609،431.36ރ އަށް ބޮޑުތިލަ އިންވެސްޓްމަންޓްއާއެވެ.
ހދ.ވައިކަރަދޫ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް މިނިސްޓްރީން ހަވާލުކޮށްފައިވަނީ ކޯލްޑް ރީފް އާއެވެ. 82 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ހަވާލުކުރެވުނު މި ޕްރޮޖެކްޓަކީ 4،395،104.82ރ ގެ މަސައްކަތެކެވެ.
ށ.ފުނަދޫ އާއި ހއ.ވަށަފަރުގެ ފުޓްބޯޅަދަނޑުގައި ޓާރފް އެޅުމަށް ހަވާލުކޮށްފައިވަނީ 1 ކުންފުންޏަކާއެވެ. މިގޮތުން 84 ދުވަހުގެ ތެރޭގައި ށ. ފުނަދޫ ފުޓްބޯޅަދަނޑުގައި ޓާރފް އެޅުމަށް ހަވާލުކުރެވުނީ މޯލްޑިވްސް އެޝުއަރ ސަޕްލައިއާއއެވެ. އަދި މީގެ އިތުރުން ހއ. ވަށަފަރުގެ ފުޓްބޯޅަދަނޑުގެ ޓާރފް އެޅުންވެސް ހަވާލުކުރެވުނީ މިކުންފުންޏާއެވެ. ހއ. ވަށަފަރު ފުޓްބޯޅަދަނޑުގެ މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 82 ދުވަހެވެ. ފުނަދޫއާއި ވަށަފަރުގެ ފުޓްބޯޅަދަނޑުގެ ޓާފްއެޅުމުގެ މަސައްކަތުގެ ޖުމްލަ އަގު 7.9 މިލިއަނަށް އަރާނެއެވެ.