ރައީސް އޮފީހުން ކޮންމެ ދުވަހަކު ހެން ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓުގައި މާލެ ސިޓީ، މއ.ނައިޓްލައިޓް، އަބްދުﷲ އިނާން ކުރި ސުވާލެއްގައި ބުނެފައި ވަނީ
އީ-ވޮލެޓްގެ ހިދުމަތް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ، އެކަމުގެ އަދާހަމައެއް އޮޅުން ފިލުވަން ބޭނުންވާ ކަމަށް ވެސް އެ ޒުވާނާ ބުނެފައިވެއެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އީ-ވޮލެޓްގެ ހިދުމަތް ތައާރަފް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އަދި އުންމީދު ކުރައްވަނީ އެންމެ ލަސްވެގެން މެއި މަހުގެ ތެރޭގައި އީ-ވޮލެޓްގެ ހިދުމަތް ތައާރަފް ކުރެވިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
“އެކަމަށް މަސައްކަތްތައް ވަރަށް ބާރަށް އެބަ ހިނގާ. އަޅުގަނޑުމެން އުންމީދު ކުރަނީ އެންމެ ލަސްވެގެން މެއި މަހުގެ ތެރޭގައި އީ-ވޮލެޓްގެ ހިދުމަތް ތައާރަފް ކުރެވޭނެ ކަމަށް،” ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް އީ-ވޮލެޓް ތައާރަފްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެދުމާ އެކު، ޕޭޕަލް އާއި އީ-ވޮލެޓް ފަދަ އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ރާއްޖެއިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ކެބިނެޓުން މީގެކުރިން ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން ފައިސާ ފޮނުވައި ލިބިގަތުމުގައި އާންމުކޮށް ބޭނުންކުރާ ޕޭޕަލްއަށް އެކްސެސް ހޯދުމަށް ވެސް ސަރުކާރުން މަސައްކަތް ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމިއެވެ. އަދި އެ އެކްސެސް ރާއްޖެއަށް ހޯދުމަށް ގުޅުން ހުރި އެހެން ފަރާތްތަކާ ވެސް މަޝްވަރާ ކުރުމަށް އޭރު ނިންމިއެވެ.