ރާއްޖެ އާއި ތުރުކީ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށްޓަކައި ދެ ގައުމުގެ މެދުގައި އެ ކަމުގެ މަޝްވަރާތައް ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ އެއްބަސްވުން އެކުލަވާލުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުމުން އިއްޔެ ބޭއްވިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ދެ ގައުމުގެ ދޭތެރޭ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
“އެގޮތުން މިހާރު ކުރިއަށްދަނީ ދެ ގައުމުން އެކަށައަޅައި ހާއްސަ ބައެއް މުދާ އެކުލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް،” އިތުރު ތަފްސީލެއް ނުދެއްވައި ސައީދު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އާއި ތުރުކީއާ ދެމެދު ގާތްގުޅުމެއް ވަނީ ބާއްވަން ފައްޓަވައިފަ އެވެ. އެ މަނިކުފާނު މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް ކުރެއްވީ ތުރުކީއަށެވެ.
އޭގެފަހުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެމްއެންޑީއެފްގެ އަމިއްލަ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ތުރުކީ ކުންފުންޏަކުން ތިން ޑްރޯން ގެނެސްފައިވާ އިރު، އޭގެ ގިނަ އާލަތްތަކަކީ ތުރުކީން ހިލޭ ހަދިޔާކުރި ތަކެތި ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.