ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައަޅައި އާންމުކޮށްފައިވާ ލިސްޓް އެއްކޮށް ބާތިލް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ “މިހާރު” ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.
“…ދެން އަޅުގަނޑުމެން މި ހެދި ގޮތަކީ ކޮމިޓީއެއް ހެދީ އަދި އެ ކޮމިޓީއަށް ފާރަވެރިވާން ސިޓީ ކައުންސިލުން ފާސްކޮށްގެން ވެސް އެބައޮތް ކޮމިޓީއެއް. މި ދެ ކޮމިޓީން ލިސްޓް ބަލަން އަޅުގަނޑު ހަވާލުކޮށްގެން މި އުޅެނީ. އަވަހަށް ބަލަން،” ރައީސް ވިދާޅުވި އެވެ.
“ބަލާފައި އޭސީސީ އިން އަދި ނޫނެކޭ ބުންޏަަސް އެ ވެސް ހަމަ ރަނގަޅަށް ނުބެލި އޮވެދާނެއޭ. އެހެންވީމާ ޕްރެސެސް އަވަހަށް ނިންމާފައި އަޅުގަނޑު ބޭނުންވަނީ އެންމެންނަށް ވެސް ލިބެން.”
މަނިކުފާނުގެ އުއްމީދަކީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓް އެ އެންމެންނަށް ވެސް ލިބުން ކަމަށް ވިދާޅުވި އެވެ. ވިދާޅުވީ، މިހާރު ހިނގަމުންދާ މަރުހަލާ ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
“ވަރަށް އެބަ ބާރު އަޅަން އެ އެންމެންނަށް އެކަން ވާނެ ގޮތަށް ކަން ވޭތޯ. އެކަމަކު ގަސްދުގައި ގޯހެއް ހަދައިފައި އޮތް ނަމަ އަބަދުވެސް އެ އޮންނަ އުސޫލު އޮންނާނެ،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފްލެޓް ހޯދާފައިވަނީ ގަސްދުގައި މަކަރާއި ދޮގާއި އޮޅުވާލައިގެން ކަމަށް ވާ ނަމަ އެ މީހަކަށް ފްލެޓެއް ނުލިބޭނެ ކަމަށެވެ. އެއީ ހަމައެކަނި މިހާރު އެކަން އޮންނަ ގޮތް ނޫން ކަމަށާއި ކުރިން ވެސް އެގޮތަށް މަކަރު ހަދާ މީހުންނަށް ފްލެޓް ނުދޭ ކަމަށް ރައީސް ވިދާޅުވި އެވެ.