މި މަސައްކަތް ޗައިނާ އާއި ހަވާލުކޮށްފައިވަނީ އެ ގައުމުގެ ހިލޭ އެހީގެ ދަށުން ކޮށްދިނުމުގެ އެއްބަސްވުމުގެ ދަށުންނެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރި ސީސީސީސީ ކުންފުންޏާއި އެވެ.
ބްރިޖުގެ މެއިންޓެއިނެނެސް ގެ މަސައްކަތް ޗައިނާ އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދުގައެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބް ވާހަކަފުޅު ދައްކަވާފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ބްރިޖު ބަލަހައްޓައި ރާއްޖޭގައި އޭގެ ކެޕޭސިޓީ އިތުރުކުރުމަށް ޗައިނާއިން އެހީތެރިވެދޭނެ ކަމަށެވެ. އަދި މި އެއްބަސްވުމަކީ ބްރިޖް މެއިންޓެނެންސް ކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމަށާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާދެމެދު އޭޕްރީލް 2، 2023 ގައި ވެވުނު އެއްބަސްވުމެއް ކަމަށެވެ.
އަދި އިތުރަށް މިނިސްޓަރު ވިދާޅުވީ އެ މަސައްކަތްތައް ކުރުމަށް ދިވެހި ޓެކްނީޝަނުން ތައްޔާރުކޮށް ބޭނުންވާ ތަމްރީނު ވެސް ދޭނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބްރިޖުގެ މަސައްކަތް 2018 ވަނަ އަހަރު ނިންމުމަށް ފަހު، ބްރިޖު ހެދި ކުންފުނިން ދެ އަހަރު ވަންދެން އެ ތަނުގެ މެއިންޓެނަންސްގެ ކަންކަން ވަރަށް ރަނގަޅަށް ބެލެހެއްޓި ކަމަށާއި ނަމަވެސް، އޭގެ ފަހުން އައި ތިން އަހަރު ކޮންޓްރެކްޓް އާ ނުކުރާ ކަމަށާއި މެއިންޓެނަންސްގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ