އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ޢީދު ނަމާދު ކުރަމުން އައިސްފައިވަނީ ހެނދުނު 07:30 ގައި ކަމަށެވެ.
ނަމަވެސް އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވެފައި، މިހާރަކަށް އައިސް ދިވެހިރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި ޢީދު ނަމާދު ކުރަމުން ގެންދާތީއާއި، ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އުފުލަންޖެހޭ ކަމަށެވެ.
އެބަޔާނުގައި ބުނީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާގޮތުން ވެސް އެކަލޭގެފާނު ޢީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުޙާ ވަގުތުގައިކަން ފެންނަން އޮތުމާއެކު، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ޢަމަލުފުޅުގައިވާ ގޮތަށް ތަބަޢަވުމަކީ މޮޅު އިތުރުގޮތް ކަމަށްވާތީއާއި، ޢާންމު މަޞްލަޙަތަށް ރިޢާޔަތްކުރުމަށް ޝަރުޢުގައި ކަނޑައަޅުއްވާފައިވާ ޤަވާޢިދުތަކަށް ރިޢާޔަތްކޮށް، ހިޖުރީ ސަނަތުން 1445، މީލާދީ ސަނަތުން 2024 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ފިޠުރު ޢީދު ނަމާދާއި އަޟްޙާ ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމުގައި ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.
ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތު އަވަސްކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންނާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ޤާއިމުކުރެވިފައިވާ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީއާއި މަޝްވަރާކުރުމަށް ފަހުގައި ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.