މި މަހުން ފެށިގެން ހުރިހާ ފުލުހުންގެ މުސާރަ 35 ޕަސެންޓް ބޮޑުވާނެ ކަމަށް، ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ތަފާތު އެކި ނަން ނަމުގައި އެލަވަންސް ދިން ނަމަވެސް، މި މަހުން ފެށިގެން މުސާރައަށް ބަދަލުތައް ގެންނައިރު ދޭނީ މައިގަނޑު ހަތަރު އެލަވަންސެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ، މުސާރައިގެ އިތުރުން މަގާމުގެ އެލަވަންސް، އަދާކުރާ ވަޒީފާގެ އެލަވަންސް އަދި ރިސްކް އެލަވަންސެވެ.
“ވަރަށް ބޮޑަށް ފޯކަސްކޮށްފައި ހުންނާނީ ފުލުހުން ރައްޔިތުންނަށްޓަކައި މަގުމަތީގައި އެހެން ނޫނީ ފީލްޑްގައި މި ދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށްޓަކައި، ބުރަކޮށް، މަގުމަތީގައި ސީދާ ރައްޔިތުންނާ ގާތުން ހިދުމަތްކުރާ ހުރިިހާ ފަރާތެއްގެ މުސާރައަށް ބޮޑު ބަދަލެއް އަންނަ ގޮތަށް ޕޭ ސްޓްރަކްޗާ ރިވައިޒްކޮށްފައި އެ ހުރީ،” ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންނަށް ޒަމާނުއްސުރެ ދެމުން އައި ކުދި ކުދި އެލަވަންސަކީ، މުސާރައިގެ ސްޓްރަކްޗާއަށް މިހާރު އާއްމުކޮށް ގެންނަ ބަދަލެއް ނޫން ކަމަށެވެ. އެހެންވެ، އެކި ނަން ނަމުގައި އެލަވަންސް ނުދީ މިހާރު ހިމަނާފައި ވާނީ ބޮޑެތި އެލަވަންސްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. މަގާމުގެ ގޮތުން ދޭ އެލަވަންސަކީ ވެސް ޝިފާން ވިދާޅުވި ގޮތުގައި، ގާތްގަނޑަކަށް މުސާރައާ އެއްވަރުގެ އެލަވަންސެކެވެ.
ފުލުހުންނަކީ ދޭތެރެ ދޭތެރެއިން ޑިޕާޓްމަންޓު ބަދަލުވާ ބަޔަކަށް ވާތީ، އެ އިރެއްގެ ކުރާ މަސައްކަތުން މުސާރަ އަށް ވެސް ބަދަލު އަންނާނެ އެވެ.
ފުލުހުންގެ ތެރެއިން މިހާރު އެންމެ މަދުން މުސާރަ ލިބެނީ ކޮންސްޓަބަލުންނެވެ. އެ ރޭންކުގެ ފުލުހަކަށް މިހާރު 11،810ރ. އެވެ. އެކަމަކު، އަލަށް ގެންނަ ބަދަލުން މަދުވެގެން މަހަކު 15،500ރ. ލިބޭނެ އެވެ.
އެލަވަންސްތަކާއެކު ކޮންމެ މަހަކު ވެސް މަދުވެގެން 17،000ރ. ލިބޭނެ ކަމަށް ޝިފާން ވިދާޅުވި އެވެ. ޕެޓްރޯލްމަނުންނަށް އިތުރު 1،000ރ. އަދި ދަންފަޅި ޑިއުޓީ އަދާކުރާނަމަ އިތުރު 750ރ. ލިބެ އެވެ.
ކޮއްތު ފައިސާއަކީ، ކެއުމުގެ އިންތިޒާމް ހަމަޖެހިފައި ނުވާ ތަންތަނާއި ކުރާ މަސައްކަތުގެ ބާވަތުން ކެއުމަށް ވަގުތު ނުލިބޭ ފުލުހުންނަށް ދޭ އެއްޗެކެވެ.