މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު އެހެން ވިދާޅުވީ މަޝްރޫއު ހުއްޓިފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ. މިނިސްޓަރު ވިދާޅުވީ މިވަގުތު ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުދިޔަ ނަމަވެސް މަޝްރޫއުގެ މަސައްކަތް ނުހުއްޓޭ ކަމަށެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ ވެލި ނަގަން މާބޮޑު ސަރަހައްދެއް ދިރާސާ ނުކޮށް ކަމަށާއި އަދިވެސް އިތުރަށް ވެލި ހޯދުމަށް ދިރާސާ ކުރަން ބޮސްކާލިސްއިން ބޭނުންވާ ކަމަށެވެ. އަދި ގުޅިފަޅު ހިއްކައި ނިމުމުން އެކަމަށް ބޭނުންކުރާ ޑްރެޖަރު ރަސްމާލޭ ބިން ހިއްކުމުގެ މަޝްރޫއަށް ބޭނުންކުރުމުގެ ވިސްނުންވެސް ގެންގުޅޭ ކަމަށެވެ.
“މިވަގުތު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުދިޔަ ނަމަވެސް މަޝްރޫއު ހުއްޓިފައޭ ދަންނަވާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން. ދެކަމެއް އޭގެ އުޅެނީ، ސޮއިކުރި ކޮންޓްރެކްޓަރާ ބޮސްކާލިސްއާ އެރޭންޖްމަންޓްތަކެއް ހުރި. ބޮސްކާލިސްއިން ގުޅީފަޅު ހިއްކުމަށް ބޭނުންކުރާ ޑްރެޖަރގެ މަސައްކަތް ނިމުމުން، އެ ޑްރެޖަރއިން ރަސްމާލެ ހިއްކުމުގެ ވިސްނުން އެ ކުންފުނިން ގެންގުޅެނީ. އައު ޑްރެޖަރ ގެނައުމަކީ ޚަރަދު ބޮޑުވާނެ ކަމަކަށްވާތީ. މިހާރު އެބޭފުޅުން ދެއްވާ މައުލޫމާތަކީ ވެލި ނެގިތަނުގައި, [ހިއްކުމުގެ މަސައްކަތް] ކުރިއަށް ގެންދާވަރަށް ވެލި ނެތީމައި އެ ބޭފުޅުން ބޭނުންވޭ ތަންކޮޅެއް އެކްސްޓެންޝަލްކޮށް ސޭންޑް ސާޗް ކެމްޕޭނެއް ކުރިއަށް ގެންދަން،” މުއްތަލިބު ވިދާޅުވިއެވެ.
މާލެ އާއި ރަސްމާލެ ކަނޑު އަޑީގެ ރޭލު ޓަނަލަކުން ގުޅާލަން ސަރުކާރުން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖެނުއަރީ މަހު ވިދާޅުވެފައެވެ.