މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ބްރިޖުގެ 35.53 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މަސައްކަތް ވަރަށް އަވަހަށް ކުރިއަށްދާ ކަމަށެވެ. އަދި މަސައްކަތް ކުރިއަށްދަނީ ޝެޑިއުލްކޮށްފައިވާ ވަރަށް ވުރެ އަވަހަށް ކަމަށް ވިދާޅުވިއެވެ.
“ޝެޑިއުލަށްވުރެ ކުރީގައި މަސައްކަތްތައް ދަނީ. މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ޝެޑިއުލަށް ގެންދިއުމަށް. އެ އަމާޒަށް ވާސިލްވެ ކޮންޓްރެކްޓަރަށް މަސައްކަތް ރަނގަޅަށް ގެންދެވެން ފެށީމަ، މަސައްކަތުގެ ޓައިމްލައިން އަވަސްކުރަން ބުނާނަން. މިހާރު ސަމާލްކަން ދެނީ މިހާރު އޮތް ޝެޑިއުލަށް ގެންދަން،” މިނިސްޓަރު ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖުގެ ތަނބުތަކުގެ ޕައިލިން މަސައްކަތުގެ 58 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި ޕައިލް ކެޕިންގެ 43 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއިން ބުނެއެވެ. އަދި ޕިއާ ކޮލަމްގެ 40 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވެސް ބުންޏެވެ.
އަންނަ އަހަރު ފެބްރުއަރީއަށް މާލެ އާއި ވިލިމާލެ ގުޅާލެވޭނެ ކަމަށް ކުރިން ވެސް ސަރުކާރުން ބުނެފައިވެއެވެ. އަދި މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅަށެވެ.