މި އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ ޤައުމީ ދިފާޢީބާރުގެ ވައިގެ ބާރު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
“ރަސް އައިން” އެޕްލިކޭޝަންގައި މަސްވެރިންނަށް ބޭނުންވާ މަޢުލޫމާތުގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކުރާ އުޅަނދުތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދެއެވެ.
މި އެޕްލިކޭޝަންގައި ހިމެނޭ މަސްވެރިންނާ ގުޅުންހުރި މުހިންމު ކަންކަމުގެތެރޭގައި ދިވެހިރާއްޖޭގެ ތަފްސީލީ ޗާޓާއި ކަނދުފަތިތައް ހިމެނޭ ހިސާބު އަދި އެކި ދުވަސްތަކުގައި މަސް އައިންތައް އޮންނަ ސަރަޙައްދާ މަސްވެރިކަން ތިއާގި ސަރަޙައްދުތަކާގުޅޭ މަޢޫލޫމާތު މަސްވެރިންނަށް ލިބޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި އެޕްލިކޭޝަން ވެގެންދަނީ މަސްވެރިކަމުގެ ސިނާޢަތަށް ޒަމާނީ ބަދަލުތައް ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ ޢަމާޒަށް ވާސިލުވުމަށް ގެނެވުނު މުހިންމު ބަދަލަކަށްކަމަށެވެ.
މީގެ ސަބަބުން ރާއްޖޭގެ ކަނޑުތަކުކުގައި މަސްވެރިކަން ހުރިނެތްގޮތް ފަސޭހައިން ދެނެގަނެވި، ވަގުތާ ޚަރަދު ސަލާމަތްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރަށްވުރެ ބޮޑަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކުރުމަށްވެސް މަގުފަހިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.