ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެއްސެވީ އެއްވެސް ދިރާސާއެއް ނަހަދާ ދިރާސީ އައު އަހަރު ފަށާ ތާރީހު ބަދަލުކުރީ ކީއްވެގެންތޯއެވެ.
ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ދިރާސީ އައު އަހަރު ފެށޭ ތާރީހު ބަދަލުކުރުމަށް ނިންމީ، ކުރީ ސަރުކާރުން ގެނައި ބަދަލު ދިރާސާ ކުރުމަށްފަހުކަމަށެވެ. ކުރީ ސަރުކާރުން ގެނައި ބަދަލާއި އެއްގޮތަށް އޮތުމުން ލިބޭނެ ފައިދާއަށްވުރެ ގެއްލުން ބޮޑުކަމަށް ޝަފީއު ވިދާޅުވިއެވެ.
މިއީ ބެލެނިވެރިންނާއިި، ދަރިންވަރުންނާއި އަދި ޓީޗަރުންވެސް އެދޭ ގޮތްކަމަށް ފާހަގަކުރައްވަމުން، ރާއްޖޭގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުންނާއި ގާތް ކުރާ މީހުން ބޭނުންވަނީ މި ސަރުކާރުން ގެނައި ބަދަލާއިއެކު ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ބަދަލު ގެނައީ މައިގަނޑު ދެ ސަބަބަކަށްޓަކައިކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެއް ސަބަބަކީ އާ އަހަރުގެ ބަޖެޓާއި، ދިރާސީ އަހަރު އެލައިންކުރުމަށްކަމަށެވެ. ދިރާސީ އައު އަހަރު ފެށޭ ތާރީހަށް ގެނައި ބަދަލާއިއެކު ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރުކޮށްފައިވާކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ދިރާސީ އައު އަހަރު ބަދަލުކުރި އަނެއް ސަބަބަކީ މިފަދަ ކަމެއް ތަކުރާރު ނުކުރުންކަމަށެވެ.